ދުނިޔެ
ސޫދާނުގެ ސިންޖާގައި އާރު.އެސް.އެފް އިން ދިން ޑްރޯން ހަމަލާއެއްގައި 27 މީހުން މަރުވެއްޖެ
ސޫދާނުގެ އާރްއެސްއެފް
ސޫދާނުގެ އިރުދެކުނު ސިޓީއެއް ކަމަށްވާ ސިންޖާގައި ހުންނަ އަސްކަރީ މަރުކަޒަކަށް، އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރު.އެސް.އެފް) އިން ދިން ޑްރޯން ހަމަލާއެއްގައި 27 މީހުން މަރުވެއްޖެ ކަމަށް އަސްކަރީ މަސްދަރަކަށް ހަވާލާދީ އަލްޖަޒީރާ އިން ރިޕޯޓުކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ދިން މި ހަމަލާއަކީ ސޫދާނުގެ ސަރުކާރުން އަލުން ވެރިރަށް ހާރްތޫމަށް ބަދަލުވާނެ ކަން އިއުލާނުކުރިތާ އެއްދުވަސް ފަހުން ދިން ހަމަލާއެކެވެ. ސޫދާނުގެ ސިފައިންނާއި އާރު.އެސް.އެފް އާ ދެމެދު 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކުރިއަށްދާ ދާހިލީ ހަނގުރާމައިގައި ހާރްތޫމަކީ އެންމެ ބޮޑަށް ހަމަލާތައް ބަދަލުކުރެވޭ އެއް ސަރަހައްދެވެ.
އަލްޖަޒީރާއަށް މައުލޫމާތު ދިން މަސްދަރުން ބުނި ގޮތުގައި، މި ޑްރޯން ހަމަލާ އަމާޒުކޮށްފައިވަނީ ސަރުކާރުގެ އަސްކަރީ ލީޑަރުންނާއި، ސަލާމަތީ ފައުޖުތަކުގެ އިތުރުން އެމީހުންނާއެކު ތިބި އާންމުންނަށެވެ. މި ހަމަލާގައި ޒަހަމްވި މީހުންގެ ސީދާ އަދަދު އަދި ސާފުނުވި ނަމަވެސް، އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި 73 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.
ހަމަލާ ދިން ވަގުތު ސޫދާނުގެ ވައިޓް ނައިލް ސްޓޭޓްގެ ގަވަރުނަރު ގަމަރުއްދީން ފަޟްލުލް މައުލާ ސިންޖާގައި ހުންނެވި ކަމަށް ސަރުކާރުން ބުނެއެވެ. ގަވަރުނަރު މި ހަމަލާއިން ސަލާމަތްވި ނަމަވެސް، އޭނާގެ އަރިހުގައި މަސައްކަތްކުރާ ދެ އޮފިޝަލަކު މި ހަމަލާގައި މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސިންޖާއަކީ ސޫދާނުގެ ސިފައިންގެ 17 ވަނަ އިންފެންޓްރީ ޑިވިޜަންގެ މަރުކަޒު ހުންނަ ރަށެވެ.
އާރު.އެސް.އެފްގެ އެޑްވައިޒަރެއް ކަމަށްވާ އަލް-ބާޝާ ތިބީގް ސޯޝަލް މީޑިއާގައި ބުނެފައިވަނީ، މި ހަމަލާއަކީ ސޫދާނުގެ އަސްކަރީ ލީޑަރުންނަށް ދިން އިންޒާރެއް ކަމަށެވެ. ނަމަވެސް ސެންނާރު ސްޓޭޓްގެ ތަރުޖަމާނު ޞަލާޙް އާދަމް ޢަބްދުﷲ ވިދާޅުވީ، ސިފައިންގެ އެންޓި-އެއާކްރާފްޓް ސިސްޓަމްތަކުން އެ ހަމަލާ ނާކާމިޔާބު ކޮށްލާފައިވާ ކަމަށާއި، މިހާރު ސިޓީގެ ހާލަތު އާންމު ހާލަތަކަށް ރުޖޫއަވެފައިވާ ކަމަށެވެ.
ސޫދާނުގެ ދާހިލީ ހަނގުރާމަ ތިންވަނަ އަހަރަކަށް ދެމިގެން ގޮސްފައިވާއިރު، ސިފައިން މިހާރު ދަނީ އާރު.އެސް.އެފްގެ އަތްދަށުގައިވާ ކުރުދުފާން އަދި ދާރްފޫރު ސަރަހައްދުތައް އަނބުރާ ހޯދުމަށް ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. ވެރިރަށް ހާރްތޫމް މިދިޔަ މޭ މަހު އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމާ ގުޅިގެން، ޕޯޓް ސޫދާނުގައި ވަގުތީ ގޮތުން ހިންގަމުންދިޔަ ސަރުކާރު އަނބުރާ ވެރިރަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.