Ads by Stelco

ޚަބަރު

އެންސްޕާގެ އެހީތަކަށް އެދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް: ހާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށްފި

އެންސްޕާގެ އެހީތަކަށް އެދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް: ހާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށްފި

ހެންވޭރު ފެރީ ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާގައި ހުންނަ ވަންގަވް އޮފީސް ފޮޓޯ : ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ޖެނުއަރީ 2026، 08:37

13 ޖެނުއަރީ 2026، 08:37

ސަރުކާރުން ހުޅުވާލާފައިވާ އިޖުތިމާޢީ އާންމު އެހީތަކަށް އެދުމުގެ ކަންކަމުގައި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާއްސަ "ހެލްޕް ޑެސްކެއް" ގާއިމުކޮށް މިއަދު ހިދުމަތް ދޭން ފަށައިފިއެވެ.

މި ހެލްޕް ޑެސްކް ގާއިމުކޮށްފައިވަނީ ހެންވޭރު ފެރީ ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާގައެވެ. އެންސްޕާއިން ބުނި ގޮތުގައި، ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފަތި ދުވަހަށް، ހެނދުނު 08:30 އިން ހަވީރު 04:00 އަށް މި ޑެސްކުން ހިދުމަތް ލިބޭނެއެވެ.

މި ހެލްޕް ޑެސްކް ގާއިމުކުރަން ނިންމީ، ސަރުކާރުގެ ޑިޖިޓަލް ނިޒާމު "ވަންގަވް" މެދުވެރިކޮށް ހިދުމަތްތަކަށް އެދި ހުށަހެޅުމުގައި ބައެއް ފަރާތްތަކަށް ރަޖިސްޓަރީވުމާއި އެނޫންވެސް ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާތީއެވެ. ޚާއްޞަކޮށް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާސަންދައިގެ ދަށުން ތެރަޕީގެ ހިދުމަތްތަކާއި ތެލެސީމިއާ ކުދިންނަށް އެލަވަންސް ދޭން ފެށުމާއެކު، ހިދުމަތަށް އެދޭ މީހުން ވަނީ އިތުރުވެފައެވެ.

ހެލްޕް ޑެސްކުން ލިބޭނެ ހިދުމަތްތައް:

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް.
  • އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންގެ އެލަވަންސް.
  • ފޯސްޓަރކޮށްގެން ދަރިން ބަލާ ބެލެނިވެރިންގެ އެލަވަންސް.
  • ކާބޯތަކެތި ހޯދުމަށް ދޭ އެލަވަންސް.
  • ތެރަޕިއުޓިކް ހިދުމަތްތަކާއި ތެލެސީމިއާ ކުދިންގެ އެލަވަންސް.
  • އައި.ވީ.އެފް ފަރުވާއާ ގުޅޭ އެހީތެރިކަން.


އެންސްޕާއިން ބުނީ މި ޑެސްކް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ފުރުމާއި، ހުށަހެޅި ފޯމުތަކުގެ އަޕްޑޭޓް ބަލާލުމުގެ އިތުރުން "އީ-ފާސް" ބޭނުންކުރުމުގައި ދިމާވާ ދަތިތަކަށްވެސް އެ އިދާރާގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އިޖުތިމާޢީ އެހީތެރިކަން އެންމެ ފަސޭހަ އަދި އެކުވެރި މާހައުލެއްގެ ތެރެއިން ލިބިގަނެވޭނެ މަގު ފަހިކޮށްދިނުމަކީ މި ހެލްޕް ޑެސްކުގެ މައިގަނޑު މަގްސަދު ކަމަށް އެންސްޕާއިން ފާހަގަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450