Ads by Stelco

ޚަބަރު

ބިދޭސީން ވިޔަފާރި ކުރަމުންދިޔަ 5 ތަނެއް ބަންދުކޮށް ތިން މީހުން ހައްޔަރުކޮށްފި

ބިދޭސީން ވިޔަފާރި ކުރަމުންދިޔަ 5 ތަނެއް ބަންދުކޮށް ތިން މީހުން ހައްޔަރުކޮށްފި

އިމިގްރޭޝަން އޮފިސަރުން އޮޕަރޭޝަނެއްގެ މަސައްކަތުގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖެނުއަރީ 2026، 11:52

14 ޖެނުއަރީ 2026، 11:52

މޯލްޑިވްސް އިމިގްރޭޝަނާއި، ފުލުހުން އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ބިދޭސީން ވިޔަފާރިކުރަމުންދިޔަ 5 ތަނެއް ބަންދުކޮށް 3 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

 މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެމީހުން ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭގެ ތެރެއިން 5 ތަނަކަށް ނޯޓިސް ދިނުމަށްފަހު ވަނީ ބަންދުކޮށްފައެވެ. އަދި މި ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ މީހުންގެ ތެރެއިން ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ސަރުކާރުން ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި މުޅި ރާއްޖޭގައި ދަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް އެއްލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލައި، ގަވާއިދާ ހިލާފަށް އުޅޭ މީހުން ޑީޕޯޓުކުރުމެވެ.

ޚާއްސަކޮށް ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނަށް އަމާޒުކޮށްގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން ނިމިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް ބިދޭސީން ހިންގާ 150 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށް، އޭގެ ތެރެއިން 66 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބިދޭސީން އަހުލުވެރިކުރުވުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450