ޚަބަރު
އިއްޔެ މަސްވެރިންނަށް 9 ލައްކައަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފި
ދިވެހި މަސްވެރިން
މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނައިރު، 28 ދޯންޏަކަށް ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާ އިއްޔެ ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯ އިން މީޑިޔާތަކާއި ހިއްސާކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 11 ވަނަ ދުވަހު ކިރުވާފައިވާ މަހަށް، މަސްދޯނި ފަހަރަށް އިއްޔެ ޖަމާކުރީ 949,237.32ރ. (ނުވަ ލައްކަ ސާޅީސް ނުވަ ހާސް ދުއިސައްތަ ތިރީސް ހަތް ރުފިޔާ، ބައްތިރީސް ލާރި) އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. ނަމަވެސް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމާފައިވާއިރު، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ވަނީ ހަމަޖައްސަައި ދެއްވާފައެވެ.
އޭގެ ފަހުން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު، މި ބަދަލާއެކު މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު ވެސް ވަނީ އިތުރުވެފައެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަށް މަސްވެރިކަން ހެދޭނެ ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ދޫކޮށް، މަސްވެރިންގެ އިތުބާރު ދެމެހެއްޓުމެވެ.