ޚަބަރު
ބަންގްލަދޭޝްްގެ 6 މީހަކު ހޯދަން އިމިގްރޭޝަނުން އިޢުލާނުކޮށްފި
ހޯދަން އިޢުލާނުކޮށްފައިވާ ބަންގްލަދޭޝް މީހުން.
މޯލްޑިވްސް އިމިގްރޭޝަނުން ބަންގްލަދޭޝްގެ ހަ މީހަކު ހޯދުމަށްޓަކައި މިއަދު އިޢުލާނުކޮށްފިއެވެ. އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވަނީ އެ އިދާރާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކުރި ޕޯސްޓެއްގެ މެދުވެރިކޮށެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި މީހުން ހޯދަން އިޢުލާނުކުރީ އެ މީހުން އުޅޭ ތަނެއް ނޭނގިގެންނެވެ. ހޯދަމުންދާ މީހުންގެ ތެރޭގައި ހިމެނެނީ ބާބުލް މިއާ (41އ)، އަބްދުލް ކެއިދަރް ނިލޯއި (28އ)، އެމްޑީ އިބްރާހިމް (25އ)، ސޮހެއިލް މިއާ (32އ)، ރަނާ މިއާ (26އ) އަދި އެމްޑީ މިރާޒް (30އ) އެވެ. މި މީހުން ހޯދަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.
އެ އިދާރާއިން ވަނީ މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އިމިގްރޭޝަންގެ ހޮޓްލައިން ނަންބަރު 7980408 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. މި މީހުންގެ ފޮޓޯއާއި ވަނަވަރުވެސް އިމިގްރޭޝަނުން ވަނީ އާންމުކޮށްފައެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން އިމިގްރޭޝަނުން ގުޅިގެން ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައިވެސް ގަވައިދާ ޚިލާފަށް އުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.