Ads by Stelco

ޚަބަރު

ރާއްޖެއަށް 60 ފަހަރު ޒިޔާރަތްކުރި އިނގިރޭސި ދެމަފިރިއަކު އެއްލައިދޫ ކައިރިއަށް ޑައިވް ކުރަނިކޮށް މަރުވެއްޖެ

ރާއްޖެއަށް 60 ފަހަރު ޒިޔާރަތްކުރި އިނގިރޭސި ދެމަފިރިއަކު އެއްލައިދޫ ކައިރިއަށް ޑައިވް ކުރަނިކޮށް މަރުވެއްޖެ

ރާއްޖޭގައި ހިނގި ޑައިވިން އެކްސިޑެންޓެއްގައި މަރުވި އިނގިރޭސި ދެމަފިރިން ފޮޓޯ: ޑެއިލީ މެއިލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖެނުއަރީ 2026، 01:11

14 ޖެނުއަރީ 2026، 01:11

އިނގިރޭސިވިލާތުން ރާއްޖެއަށް 60 ފަހަރު ޒިޔާރަތްކޮށް، ރާއްޖެއަށް ވަރަށް ބޮޑަށް ލޯބިކުރި ދެމަފިރިއަކު އއ. އަތޮޅުގައި އޮންނަ އެއްލައިދޫ ބައި ސިނަމަން ރިސޯޓު ކައިރިއަށް ޑައިވް ކުރަނިކޮށް މަރުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ "ޑެއިލީ މެއިލް" ނޫހުން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ ރިޓަޔާޑް ދެމަފިރިން ކަމަށްވާ އިލެއިން ރިޗްމަންޑާއި އޭނާގެ ފިރިމީހާ މެލްކަމް ރިޗްމަންޑެވެ. އުމުރުން 70 އަހަރުން މަތީގެ މި ދެމަފިރިންނަކީ އެއްލައިދޫ ރިސޯޓުގެ ވަރަށް ގާތް ދެ މެންބަރުންނެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ހިނގި މި ހާދިސާގައި، އެ ދެމަފިރިން ފެނިފައިވަނީ ކަނޑުމަތިން އޮޔާދަނިކޮށެވެ. މޫދުން ނެގި އިރު އަންހެން މީހާ، އިލެއިން ރިޗްމަންޑް އޮތީ މަރުވެފައެވެ. ފިރިހެން މީހާ، މެލްކަމް ރިޗްމަންޑް މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އޭގެ ތިން ދުވަސް ފަހުން މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ނަމަވެސް، އެ ދެމަފިރިންގެ ޖަނާޒާގެ ކަންކަން އިންތިޒާމުކުރާ ފަރާތާ ހަވާލާދީ ނޫހުގައި ބުނެފައިވަނީ، އެމީހުންގެ މަރުގައި ޝައްކު ކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެ ދެމަފިރިންގެ ޖަނާޒާ މި މަހުގެ 29 ވަނަ ދުވަހު އިނގިރޭސިވިލާތުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރިޕޯޓްތައް ބުނާގޮތުން މި ދެމަފިރިންގެ އަމިއްލަ ދަރިއަކު ނުހުރެއެވެ. އެމީހުންގެ ވާރުތަވެރިއަކަށް ހުރީ ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ ކިޔާ ކުއްޖެކެވެ.

މަރުވި ދެމަފިރިންނަކީ ރާއްޖެއަށް ވަރަށް ބޮޑަށް އަހުލުވެރި ބައެކެވެ. އެމީހުން އެއްލައިދޫ ރިސޯޓަށް އެކަނިވެސް 60 ފަހަރު ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރު އެކަނިވެސް ތިން ފަހަރަކު ރާއްޖެ އައިސްފައިވެއެވެ. އަދި ވޭތުވެދިޔަ 17 އަހަރު ދުވަހު ކޮންމެ އަހަރެއްގެ ކްރިސްމަސް ބަންދު އެމީހުން ހޭދަކޮށްފައިވަނީ އެ ރިސޯޓުގައެވެ.

މި ހާދިސާއާ ގުޅިގެން "މޯލްޑިވްސް ހޮލިޑޭމޭކާސް" ފޭސްބުކް ގްރޫޕުން ވަނީ ތައުޒިޔާ ފޮނުވާފައެވެ. އެ ގްރޫޕުން ބުނި ގޮތުގައި، މިދިޔަ ކްރިސްމަސް ބަންދުގައި ރާއްޖޭގައި ތިއްބާ އެ ދެމަފިރިން މަރުވުމަކީ އެ ގްރޫޕުގެ ގިނަ ބަޔަކަށް ލިބުނު ފުން ހިތާމައެކެވެ. އެމީހުންނަކީ އެ ރިސޯޓުގެ މުވައްޒަފުންނާއި އެހެނިހެން ފަތުރުވެރިންނާވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި ދެމަފިރިންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450