Ads by Stelco

ޚަބަރު

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މާދަމާ ހުޅުވާލަނީ

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މާދަމާ ހުޅުވާލަނީ

ގުޅިފަޅުގެ ގޯތި ތައް ވަކިކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖެނުއަރީ 2026، 01:46

14 ޖެނުއަރީ 2026، 01:46

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން ދޫކުރުމަށް ނިންމާފައިވާ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު މާދަމާ، 15 ޖެނުއަރީން ފެށިގެން ހުޅުވާލާނެއެވެ.

މި ސްކީމުގެ ދަށުން ޖުމްލަ 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްކީމަށް ފޯމު ހުށަހެޅުން ކުރިން މި މަހުގެ 4 ވަނަ ދުވަހު ފެށުމަށް ނިންމި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި އޮޅުންފިލުއްވި ކަންބޮޑުވުންތަކާ ގުޅިގެން އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށްޓަކައި އެ މުއްދަތު ވަނީ ފަސްކޮށްފައެވެ. ގެނެވުނު މުހިންމު އެއް ބަދަލަކީ މީގެ ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް، ދަރިން ތިބި މިންވަރަށް ބަލައި ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދުމުގެ ފުރުޞަތު ދިނުމެވެ.

ސަރުކާރުން ބޯހިޔާވަހިކަން ދިނުމުގައި މިފަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ އެމީހެއްގެ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށެވެ. ފޯމު ހުށަހަޅާއިރު ޢާއްމު މަޢުލޫމާތުގެ އިތުރުން، އާއިލާއާއި ދިރިއުޅުމުގެ ޙާލަތު، އަދި ވަޒީފާއާއި އާމްދަނީގެ މަޢުލޫމާތު ހިމަނަންޖެހެއެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާކަން ސާބިތުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭއިރު، ޚާއްޞަ ޙާލަތަކާ ގުޅިގެން މެދުކެނޑުމެއް އައިސްފައިވާނަމަ އެކަމުގެ ސަބަބު ބަޔާންކޮށް ލިޔެކިޔުން ހުށަހަޅަންޖެހޭނެއެވެ.

މިފަހަރުގެ ސްކީމުގައި މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީތަކެއް ވަނީ ހިމަނާފައެވެ. ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާ 7,900 ޔުނިޓުގެ ތެރެއިން 4,000 ފްލެޓް މާލޭގެ ރަށްވެހިންނަށް، 1,500 ފްލެޓް މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް، އަދި 2,400 ފްލެޓް ޚާއްޞަ އިސްކަންދޭ 15 ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ. ކޮންމެ މީހަކަށްވެސް ފޯމު ހުށަހެޅޭނީ ގޯތި ނުވަތަ ފްލެޓް، މިއިން ކޮންމެވެސް އެއް ސްކީމެއްގެ އެންމެ ކެޓަގަރީއަކަށެވެ.

ފޯމު ހުށަހެޅުމުގެ އެންމެހާ ކަންކަން ކުރިއަށްދާނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށެވެ. އީފާސް ބޭނުންކޮށްގެން ޕޯޓަލަށް ލޮގިން ވެވޭނެއެވެ. ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ހުށަހެޅުމުގެ އުސޫލާއި ޝަރުތުތައް އަދި މާކްސް ދޭނެ ގޮތުގެ ތަފްސީލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

މި ސްކީމްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ. އެހެންކަމުން ފޯމު ހުށަހެޅުމަށް ގާތްގަނޑަކަށް ތިން މަސްދުވަހުގެ މުއްދަތެއް ރައްޔިތުންނަށް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450