Ads by Stelco

ޚަބަރު

ބ. ފެހެންދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ޤާއިމުކުރަނީ: އަހަރަކު 1 ލައްކައަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ

ބ. ފެހެންދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ޤާއިމުކުރަނީ: އަހަރަކު 1 ލައްކައަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ

ފެހެންދޫގައި ސޯލާ-ޑީސަލް ބެޓެރީ ހައިބްރިޑް ޕަވަރ ސިސްޓަމެއް ޤާއިމުކުރުން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖެނުއަރީ 2026، 03:46

14 ޖެނުއަރީ 2026، 03:46

ބ. ފެހެންދޫގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށްޓަކައި އެ ރަށުގައި ސޯލާ-ޑީސަލް ބެޓެރީ ހައިބްރިޑް ޕަވަރ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް ބާރުގަދަ މިނެއްގައި ކުރިއަށްދާ ކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީން ހާމަކުރައްވައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ފެހެންދޫގައި 250 ކިލޯވޮޓުގެ ސޯލާ ފޮޓޯވޮލްޓެއިކް ނިޒާމަކާއި، 537 ކިލޯވޮޓުގެ ބެޓެރީ އެނާރޖީ ސްޓޯރޭޖް ސިސްޓަމެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރަށުގެ ގްރިޑް ހަމަހިފެހެއްޓުމަށާއި، ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 117,697 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެވެ. އަދި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 288 ޓަނުގެ ކާބަންޑައި އޮކްސައިޑް މަދުކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ލަފާކުރެއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ ވަރަށް މުހިންމު މަސައްކަތެކެވެ. ރައީސް މުޢިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.

ސަރުކާރުން ޤަބޫލުކުރާ ގޮތުގައި މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތެލަށް ކުރާ ބޮޑު ހޭދަ ކުޑަވެގެންދާނެއެވެ. އަދި މިއީ ތިމާވެށި ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450