ޚަބަރު
ރަސްމާލެ މަޝްރޫޢު: ސައިޓް އޭގެ ބިން ހިއްކުމުގެ 51.64% މަސައްކަތް ނިމިއްޖެ
ރަސްމާލެ ފޯޓޯ: އެމްއޭސީއެލް
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއެކު ފަށްޓަވާފައިވާ "ރަސްމާލެ" މަޝްރޫޢުގެ ސައިޓް އޭގެ ބިން ހިއްކުމުގެ ދެބައިކުޅަ އެއްބައި މަސައްކަތް މުޅިން ނިމިއްޖެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ފެށި މި ސައިޓުގެ މަސައްކަތުގެ ތަފްޞީލް ހާމަކުރައްވަމުން އެ ކުންފުންޏުން ވިދާޅުވީ، ސައިޓް އޭ އިން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާތަނަށް 71 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. މިއީ އެ ސައިޓުގެ މަސައްކަތުގެ 51.64 އިންސައްތައެވެ.

މި މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންކުރަމުންދަނީ ދުނިޔޭގައި ބިން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ޑްރެޖަރެވެ. އެއްފަހަރާ 46,000 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭ މި އުޅަނދުގެ އެހީގައި، ރަސްމާލޭގައި ދުވާލެއްގެ މައްޗަށް ދޮޅު ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ދަނީ ހިއްކަމުންނެވެ.
ރަސްމާލެ މަޝްރޫޢަކީ މިވަގުތު މުޅި ރާއްޖޭގައިވެސް ކުރިއަށްދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢެވެ. ޖުމްލަ 1,009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު 12 ސަރަޙައްދަކަށް ބަހާލައިގެން 4 ކުންފުންޏަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް މުޅި މަޝްރޫޢުގެ ތެރެއިން 280 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ވަނީ ހިއްކައި ނިމިފައެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ސަބަބުން 65,000 ގެދޮރު ޔަޤީންވެގެންދާނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މި މަޝްރޫޢުގެ މުހިންމުކަން ބޮޑުވެފައިވާއިރު، ރަސްމާލެއިން ގޯއްޗާއި ފްލެޓް ދޫކުރުމަށް ސަރުކާރުން މިހާރު ވަނީ އިޢުލާނުވެސް ކުރައްވާފައެވެ.