Ads by Stelco

ޚަބަރު

ޑޮކްޓަރުގެ ލަފައާ ނުލައި އެންޓިބަޔޮޓިކް ބޭނުންނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ޑޮކްޓަރުގެ ލަފައާ ނުލައި އެންޓިބަޔޮޓިކް ބޭނުންނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އެންޓިބަޔޮޓިކް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖެނުއަރީ 2026، 07:43

14 ޖެނުއަރީ 2026، 07:43

ރޯގާގެ އަލާމާތްތައް ފެނުނުކަމުގައި ވިޔަސް، ޑޮކްޓަރެއްގެ މަޝްވަރާއާއި ލަފާ ހޯދުމެއްނެތި އަމިއްލައަށް އެންޓިބަޔޮޓިކް ބޭނުންނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިފަދަ އިލްތިމާސެއް ކުރައްވާފައިވަނީ އުމްރާގެ އަޅުކަމަށްފަހު ގިނަ އަދަދެއްގެ އުމްރާވެރިން ރާއްޖެ އަންނަ ދުވަސްވަރަކަށް ވެފައި، މި ދުވަސްވަރު އާންމު ރޯގާ ފެތުރުން އިތުރުވަމުންދާތީ ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ކޮންސަލްޓަންޓް ސަބްސެޕްޝަލިސްޓް އިން ރެސްޕިރޭޓަރީ މެޑިސިން، ޑރ. ނަޒްމީ އަބްދުލް ލަތީފް ވިދާޅުވީ، މިހާރު ރާއްޖޭގައި އެންމެ ހަލުވިކޮށް ފެތުރެމުންދަނީ އާންމު ރޯގާއާއި އިންފުލުއެންޒާގެ އިތުރުން ޑެންގޫ ހުން ކަމަށެވެ.

ބަލީގެ އަލާމާތްތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ނަޒްމީ ވިދާޅުވީ ހުން އައުން، ކެއްސުން، ކަރަށް ތަދުވުން އަދި ނޭވާ ކުރުވުން ފަދަ ކަންކަން ފާހަގަކުރެވޭނެ ކަމަށެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ކިބައިން ބައެއް ފަހަރު މި އަލާމާތްތައް ނުފެނިވެސް ހިނގައިދާނެތީ، ބަލީގެ އެއްވެސް ނިޝާނެއް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

އެންޓިބަޔޮޓިކް ބޭނުންކުރުމާ ގުޅޭގޮތުން ޑރ. ނަޒްމީ ވިދާޅުވީ، "އެންޓިބަޔޮޓިކްސް އަސްލު ބެކްޓީރިއަލް އިންފެކްޝަންއެއް ކަމަށް ޔަގީން ނުވާ ހިނދަކު ބޭނުން ކުރުމަކީ ބުއްދިވެރި ކަމެއްނޫން، އަދި ރެކޮމެންޑެޑް ކަމެއްވެސް ނޫން. އެހެންވީމައި އާންމުކޮށް ވައިރަލް ރޯގައިތައް ހުންނާނީ ދެން، ވައިރަލް ރޯގައި ރަނގަޅު ވަމުން ދާއިރު ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަންއެއްވެސް ފަހުން ޖެހިދާނެ،" ކަމަށެވެ.

ބަލިޖެހުމުން ގޭގައި އަރާމުކުރުމާއި، ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށް ޑޮކްޓަރު އިރުޝާދު ދެއްވިއެވެ. އަދި ބަލިވެ އުޅޭއިރު މައިލޯ ފަދަ ކުލަގަދަ ބުއިންތަކާ ދުރުވުމަށާއި، އާންމުންގެ ތެރެއަށް ނުކުމެ އުޅުން މަދުކުރުމުގެ އިތުރުން ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭގެ ކޯޑިނޭޓަރ ފައުޒާ ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭރަށް ނުކުންނައިރު މާސްކު އެޅުމަށާއި، މަދިރިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ހައްޖާއި އުމްރާއަށް ފުރައިގެން ދިއުމުގެ ކުރިން ފްލޫ ވެކްސިން ޖެހުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮންމެ އަހަރަކުވެސް ހައްޖާއި އުމްރާވެރިން އެނބުރި އަންނަ ދުވަސްވަރު ރޯގާ ފެތުރުން އިތުރުވާތީ، ސިއްހީ އިދާރާތަކުން ދަނީ މިކަމަށް ޚާއްސަ ސަމާލުކަމެއްދީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450