Ads by Stelco

ޚަބަރު

ބަކުރުބޭ "ރުޤުޔާ" ގެ ނަމުގައި ބޮޑު ސްކޭމެއް، އެކަނިވެރި މައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފި

ބަކުރުބޭ "ރުޤުޔާ" ގެ ނަމުގައި ބޮޑު ސްކޭމެއް، އެކަނިވެރި މައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފި

ބަކުރުބޭ ރުޤްޔާގެ ވައިބަރ މެސެޖްގެ ސްކްރީން ޝޮޓް ފޮޓޯ: އެކަނިވެރިމައިން ޕޭޖް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖެނުއަރީ 2026، 08:36

14 ޖެނުއަރީ 2026، 08:36

ބަލިހާލަތުގެ ނާޖާއިޒު ފައިދާ ނަގައި، ދީނީ ފަރުވާ ނުވަތަ "ރުޤުޔާ" ކޮށްދޭނެ ކަމަށް ބުނެ ފޭސްބުކް ޕޭޖެއް މެދުވެރިކޮށް އެކަނިވެރި މައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލައި ބޮޑު އޮޅުވާލުމެއް އޮޅުވާލައިފިއެވެ.

މި ހާދިސާގެ ޝިކާރައަކަށްވީ ތިން ކުދިން ގޮވައިގެން މާލޭގައި ދިރިއުޅޭ، ގޮތް ނޭނގޭ ބަލިމަޑުކަމެއް ތަހައްމަލު ކުރަމުންދާ އަންހެނެކެވެ. "އެކަނިވެރިމައިން" ނަމަކަށް ކިޔާ ފޭސްބުކް ޕޭޖަކަށް ކަންވީގޮތް ތަފްސީލްކޮށް އޭނާވަނީ ހިއްސާކޮށްފައެވެ. އެ ޕޭޖްގައި ޖަހާފައިވާ ޕޯސްޓްގައި ބުނެފައިވަނީ މުޅި ހަށިގަނޑު އައްސިވެ، ކޮޅަށް ނުހުރެވޭ ވަރަށް ބަލިވެ، މަސްތަކެއް ވަންދެން އެނދުމަތިވާން ޖެހުމުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ކުލި ނުދެއްކިގެން އެތައް ފަހަރަކު ގެއިން ނެރެލާފައިވާ މި އަންހެން މީހާއަށް މިހާރު ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓެއް ލިބިފައެވެ.

އާމްދަނީ ހޯދުމަށް ގޭގޭގެ މަސައްކަތާއި ސައިކަލު ޓެކްސީ ކުރަމުންދާ މި އަންހެން މީހާއަށް، ފޭސްބުކް ޕޭޖަކުން ފެނުނު އިސްތިހާރެއްގައި "ހާސްވެ ކަންބޮޑުވަނީތަ؟ ރުޤުޔާ ކޮށްގެން ފަރުވާ ހޯދަމާ" މިހެން އޮތުމުން އެހީއަށް އެދުނެވެ. އެ ޕޭޖުން ދިން ވައިބަރ ނަމްބަރަކަށް ގުޅުމުން، "ބަކުރުބެ" ނަމަކަށް ކިޔާ މީހަކު ވަރަށް އޯގާތެރިކަމާއެކު ވާހަކަދައްކައި، ބަލި ބަލައިދިނުމަށް ފައިސާ ދައްކަން ބުންޏެވެ.

މި މަކަރުވެރި "ބަކުރުބެ" ވަނީ އޭނާގެ އަތުގައި ފައިސާ ނެތްކަން އެނގުމުން، މަކަރުވެރި ރޭވުމެއް ރާވާފައެވެ. އޭނާ ބުނަމުން ދިޔައީ އޭނާ އަމިއްލައަށް ފައިސާ ފޮނުވާނެ ކަމަށާއި، އެ ފައިސާއަށް އިތުރު ފައިސާ އަންހެން މީހާ އަމިއްލައަށް އިތުރުކޮށްފައި "ތަކެތި ގަންނަން" އެހެން އެކައުންޓަކަށް ފޮނުވުމަށެވެ. މިގޮތަށް އެކި ފަހަރު މަތިން އޭނާގެ އަތުން ފައިސާ އަތުލަމުން ދިޔައެވެ.

ނަމަވެސް އެއްވެސް ފަރުވާއެއް ނުލިބި، އިތުރަށް ފައިސާ އަތުލަމުން ދާތީ އެކަން ހުއްޓާލަން ބުނުމުން، ބަކުރުބެ ވަނީ ބިރުދައްކަން ފަށާފައެވެ. "ޖިންނި ގޯނާކޮށްފައިވާ ކުދިންގެ ފޮޓޯތަކެއް ފޮނުވައި، ފަރުވާ ހުއްޓާލައިފިނަމަ ދަރިން މަރާލާނެ ކަމަށް ބުނެ ބިރުދެއްކި. އެ ބިރުގައި އަޅުގަނޑުގެ ކަރުގައި އޮތް ރަން ފަށް ދީފައި ލޯނު ނަގައިގެން ވެސް ފައިސާ ދެއްކިން،" ހިތާމައާއެކު އޭނާ ކިޔައިދިނެވެ.

އެންމެ ފަހުން އަތުގައި ހުރި ހުރިހާ ފައިސާއެއް ހުސްވެ، އާދޭސް ކުރުމުން ބަކުރުބެ ވަނީ އޭނާ ބްލޮކް ކޮށްލާފައެވެ. މި ހާދިސާގައި ޖުމްލަ 13,000 އަށްވުރެ ގިނަ ރުފިޔާ އޭނާގެ އަތުން ގެއްލިފައިވެއެވެ.

މި މައްސަލަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓު ކުރުމުން، އެ ޕޭޖާ ގުޅޭ އެތައް މައްސަލައެއް ބަލަމުންދާކަން ވަނީ ހާމަވެފައެވެ. ނަމަވެސް މިހާތަނަށް އެ މީހާ ހޯދިފައެއް ނުވެއެވެ.

މި އަންހެން މީހާ ބޭނުންވަނީ އޭނާގެ ވާހަކަ މެދުވެރިކޮށް އެހެން މީހުން ހޭލުންތެރި ކުރުވާށެވެ. ބަލިހާލުގައި ތިބޭ މީހުންގެ ނާޖާއިޒު ފައިދާ ނަގާ މިފަދަ މަކަރުވެރިންގެ ކިބައިން ރައްކާތެރިވުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ. ފައިސާ ޖަމާކުރަން ބުނާ އެކައުންޓް ނަމްބަރުތަކާއި ވައިބަރ ނަމްބަރުތަކަށް ސަމާލުވުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އޮތް މަގެކެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450