ކުޅިވަރު
7 ގޯލްޖަހާ ޕާކިސްތާން ބަލިކޮށް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަރުގަދަ ފެށުމެއް!
މިއަދު ކުޅުނު މެޗުން މޮޅުވުމަށްފަހު ރާއްޖޭ ޓީމް އުފާފާޅުކުރަނީ ފޮޓޯ: އެފްއޭއެމް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމުން، ޕާކިސްތާނުގެ މައްޗަށް ބޮޑު މޮޅެއް ހޯދައި، ސަރަހައްދީ ފުޓްސަލްގައި ރާއްޖެއަކީ ގަދަބާރެއްކަން އަނެއްކާވެސް ސާބިތުކޮށްދީފިއެވެ.
ތައިލެންޑުގެ ބެންކޮކުގައި ހުންނަ ނޮންތަބުރި ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ރާއްޖެ މޮޅުވީ 1-7 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނުން ވަނީ އިސްލާމްއާބާދުގައި ގިނަ ދުވަސްތަކެއް ވަންދެން ތަމްރީނު ކޭމްޕެއް ކުރިއަށް ގެންގޮސް، ބައިނަލްއަގްވާމީ ތަޖުރިބާހުރި ކޯޗެއްގެ އިރުޝާދުގެ ދަށުން ވަރުގަދަ ތައްޔާރީތަކެއްވެފައެވެ. ނަމަވެސް، ފީފާގެ މި ސަރަހައްދުގެ ފުޓްސަލް ރޭންކިންގެ އެއްވަނައިގައި އޮތް ރާއްޖެއިން ވަނީ މުޅި މެޗު ޑޮމިނޭޓު ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ފަސް ލަނޑު ޖަހައި ބޮޑު ލީޑެއް ނެގިއެވެ. ރާއްޖޭގެ ފުރަތަމަ ލަނޑު އަލީ ޙަމީދު (އައްމަޑޭ) ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ޖަހައިދިނީ އަލީ ޝިޔާޙް އެވެ. ތިންވަނަ ލަނޑު ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްދިންއިރު، ހަތަރުވަނަ ލަނޑަކީ ރާއްޖޭގެ ގޯލްކީޕަރު ޒައިދާން އަހްމަދު، އަމިއްލަ އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ފާހަގަކޮށްލެވޭ ލަނޑެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ދުރު ޕެނަލްޓީއަކުން ރާއްޖޭގެ ފަސްވަނަ ލަނޑު ޖަހައިދިނީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.
ދެވަނަ ހާފުގައި ޕާކިސްތާނުން ކުޅުން ރަނގަޅުކޮށް، އެ ޓީމުގެ ނިސާރު ހުސެއިން ލަނޑެއް ޖެހި ނަމަވެސް، ރާއްޖެއިން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. އެއީ ކެޕްޓަން އިމްރާން ޖަހައިދިން ލަނޑަކާއި އަބްދުﷲ ޝާފިއު (ޝާއްޕެ) ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މޮޅާއެކު ރާއްޖެ ވަނީ ހަތް ޓީމު ވާދަކުރާ މި މުބާރާތުގެ ޕޮއިންޓް ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ. މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބޫޓާނާއި ލަންކާ ބައްދަލުކުރި މެޗުގެ އިތުރުން އިންޑިއާއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ.
މުބާރާތުގައި ރާއްޖެއަށް ދެން އޮތް މެޗުގައި މި މަހުގެ 16 ވަނަ ދުވަހު ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. މި މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.