Ads by Stelco

ޚަބަރު

މީހެއްގެ އެހީއަކާ ނުލާ ލޮލަށް ނުފެންނަ މީހުންނަށް ވޯޓުލެވޭނެ ގޮތް ހަދައި، ރަޖިސްޓަރީ ވުމަށް ހުޅުވާލައިިފި

މީހެއްގެ އެހީއަކާ ނުލާ ލޮލަށް ނުފެންނަ މީހުންނަށް ވޯޓުލެވޭނެ ގޮތް ހަދައި، ރަޖިސްޓަރީ ވުމަށް ހުޅުވާލައިިފި

ލޮލަށް ނުފެންނަ މީހުންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް. ފޮޓޯ: އިލެކްޝަންސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖެނުއަރީ 2026، 10:29

15 ޖެނުއަރީ 2026، 10:29

މިއަހަރުގެ އެޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި އަމިއްލައަށް ވޯޓުލުމުގެ ފުރުޞަތު ދިނުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ޚާއްސަ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކުން ރަޖިސްޓަރީވުމުގެ ފުރުޞަތު އަންނަ މަހުގެ 23 ވާ ހޯމަ ދުވަހުގެ ރޭގަނޑު 10:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މިކަމަށް ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކުން އެ ކޮމިޝަނުގެ ހޮޓްލައިން 1414 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޖިސްޓަރީ ކުރުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އާ ހަމައަށް މި ޚިދުމަތް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ޓެމްޕްލޭޓް ބޭނުންކުރުމުގެ ތާރީޚު

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ވޯޓުކަރުދާހުގައި ފާހަގަ ޖެހުމުގެ ފުރުޞަތު ދިނުމަށް ޚާއްސަ ޓެމްޕްލޭޓެއް އެންމެ ފުރަތަމަ ތައްޔާރުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. މި އިންތިޒާމުގެ ދަށުން އެންމެ ފުރަތަމަ ވޯޓުލުމުގެ ފުރުޞަތު ދީފައިވަނީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައެވެ. އޭގެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް މި ޓެމްޕްލޭޓް ބޭނުންކޮށްފައިވެއެވެ.

މިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން މާލެއާއި އަތޮޅުތެރޭގައި ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންގޮސް، ޓެމްޕްލޭޓް ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނުތައްވެސް ވަނީ ފޯރުކޮށްދީފައެވެ. މިއީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަށާއި، މިނިވަންކަމާއެކު އަމިއްލައަށް ވޯޓުލުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިލެކްޝަނުން ފާހަގަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450