ޚަބަރު
މިދިޔަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވު އެއް ބިލިޔަން ޑޮލަރާއި ގާތް ކުރާ އަދަދަށް މައްޗަށް ޖެހިލައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރޮޓީ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވު އެއް ބިލިޔަން ޑޮލަރާ ގާތްކުރާ އަދަދަކަށް މައްޗަށް ޖެހިފައިވާކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވް ހުންނާނެ ކަމަށް ކުރިން ލަފާކުރި އަދަދަށް ވުރެ އިތުރު އަދަދެކެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނިއިރު ރަސްމީ ރިޒާވް ހުރީ 983.04 މިލިޔަން ޑޮލަރުގައެވެ. މިއީ 2024 ވަނަ އަހަރުގެ ނިޔަލަށް ހުރި 673.89 މިލިޔަން ޑޮލަރާ އަޅާބަލާއިރު 45 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަހަރުގެ ތިންވަނަ ކުއަޓާގެ އިކޮނޮމިކް ބުލެޓިންގައި ރިޒާވް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 849 މިލިޔަން ޑޮލަރުގައެވެ. އަދި 900 މިލިޔަން ޑޮލަރަށް ރިޒާވް އަރާނެ ކަމަށް ކުރިން ލަފާކޮށްފައިވަނީ 2026 ވަނަ އަހަރުގެ ނިޔަލަށެވެ.
ރަސްމީ ރިޒާވްގެ އިތުރުން، ވަގުތުން ބޭނުންކުރެވެން ހުންނަ "ޔޫޒަބަލް ރިޒާވް" އަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ. މިދިޔަ އަހަރު ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވްގައި 244.12 މިލިޔަން ޑޮލަރު ހުރި އިރު، މިއީ 2024 ވަނަ އަހަރު ހުރި 63.36 މިލިޔަން ޑޮލަރާ އަޅާބަލާއިރު 285 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ރިޒާވް ހަރުދަނާވުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި، އަލަށް އަމަލުކުރަން ފެށި ބޭރު ފައިސާގެ ގަވާއިދު ހިމެނެއެވެ. މި ގަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކުތަކަށް މާރުކުރާ ފައިސާގެ 60 އިންސައްތަ ބޭނުންކުރަނީ ރިޒާވް ހަރުދަނާ ކުރުމަށެވެ. މީގެ އިތުރުން، އިންޑިއާގެ މަރުކަޒީ ބޭންކާއެކު ވެފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމަކީވެސް ރިޒާވް މަތިވުމަށް އެހީތެރިވި ސަބަބެއް ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.
މީގެ ކުރިން ރަސްމީ ރިޒާވް މި މިންވަރަށް މަތިވެފައިވަނީ 2020 ވަނަ އަހަރުއެވެ. އެ އަހަރު ރިޒާވް މަތިވީ އިންޑިއާއާއެކު ވެފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީގެ ބޭނުންކުރުމާއި، އޭރުގެ ސަރުކާރުން 250 މިލިޔަން ޑޮލަރުގެ ބޮންޑެއް ވިއްކުމާ ގުޅިގެންނެވެ.
ރިޒާވަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާއިރު، މިއަހަރަކީ ދައުލަތުން ދަރަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަންޖެހޭ އަހަރެވެ. ދަރަނި ދެއްކުމަށް 9.3 ބިލިޔަން ރުފިޔާ ބަޖެޓްކޮށްފައިވާއިރު، ސަރުކާރުން ވަނީ އެއްވެސް ދަރަންޏެއް މުއްދަތު ހަމަނުވެ ދައްކާނެ ކަމުގެ ޔަގީންކަން ދީފައެވެ. މިގޮތުން ސުކޫކް އަނބުރާ ދެއްކުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.