ކުޅިވަރު / ޚަބަރު

ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުވާދު، ރާއްޖޭގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޓީމާ ބައްދަލުކުރައްވައިފި

ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުވާދު، ރާއްޖޭގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޓީމާ ބައްދަލުކުރައްވައިފި

ސަފީރު ފުއާދް ރާއްޖޭގެ ފުޓްސަލް ޓީމާއި ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖެނުއަރީ 2026، 10:34

15 ޖެނުއަރީ 2026، 10:34

ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުވާދު ތައުފީޤް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ތައިލެންޑަށް ގޮސް ތިބި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުތަކާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރައްވައި، މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ހިތްވަރު ދެއްވާފައެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ، ބުރަ ޝެޑިއުލެއްގައި އުޅުއްވަމުން ވެސް ވަގުތު ހުސްކޮށްދެއްވައި، ޓީމާ ބައްދަލުކުރައްވައި ދެއްވި ހިތްވަރަށްޓަކައި ސަފީރު ފުވާދު ތައުފީޤަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

ފުރަތަމަ ފަހަރަށް ބާއްވާ ސައުތު އޭޝިއަން ފުޓްސަލް ފެޑެރޭޝަން (ސާފް) ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމުގެ އިތުރުން ޤައުމީ އަންހެން ފުޓްސަލް ޓީމު ވެސް ބައިވެރިވެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އަންހެން ޤައުމީ ފުޓްސަލް ޓީމެއް އެކުލަވާލައި، ބައިނަލްއަޤްވާމީ މައިދާނެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މި މުބާރާތާ ގުޅޭގޮތުން ވާހަކަދައްކަމުން އަންހެން ޓީމުގެ ކެޕްޓަން ފާތިމަތު ޝާލިޔާ ބުނީ، މިއީ ފުޓްސަލްއިން ކުރިއަށްދާން ބޭނުންވާ އަންހެނުންނަށް އެޅިގެންދިޔަ މުހިންމު ބިންގަލެއް ކަމަށެވެ. މީގެ ކުރިން ފިރިހެން ޓީމުން އެކި މުބާރާތްތަކުގައި ވާދަކޮށްފައިވީ ނަމަވެސް، އަންހެން ޓީމަށް މިއީ އާ ތަޖުރިބާއެކެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ފިރިހެން ޓީމުން ވަނީ ޕާކިސްތާނާ ބައްދަލުކޮށް 1-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ރާއްޖޭގެ ޓީމުން މޮޅު ކުޅުމެއް ދެއްކިއިރު، ރާއްޖޭގެ ގޯލު ބެލެހެއްޓި ޒައިދާން އަހްމަދު ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް، އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވަނީ ވަރުގަދަ އިންޑިއާ އަތުން 1-11 އިން ބަލިވެފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450