ޚަބަރު
އައްޑޫސިޓީގެ ފަޅުން ވެލި ނެގުމުމުގެ އުސޫލެއް އެކުލަވާލައިފި
އައްޑޫ ސިޓީ ހިތަދޫ
އައްޑޫސިޓީގެ ފަޅުން ވެލި ނެގުމުގައި އަމަލުކުރާނެ އުސޫލެއް އެ ސިޓީގެ ކައުންސިލުން އެކުލަވާލައިފިއެވެ.
އެ ސިޓީ ކައުންސިލުން ގެޒެޓު ކުރި އިއުލާނުގައި ބުނެފައިވަނީ މި އުސޫލަކީ އެ ސިޓީގެ ކައުންސިލުން ކަނޑައަޅާ ސަރަހައްދުތަކުން ވެލި ނެގުމަށް ހުއްދަ ދޫކުރުމާއި، ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އިޖުރާއަތްތަކާއި ފީތައް ބަޔާން ކުރުން ކަމަށެވެ. އަދި މިއަދުން ފެށިގެން އެ އުސޫލަށް އަމަލު ކުރަން ފަށާނެ ކަމަށް ވެސް ބުނެފައިވާ ކަމަށާއި މި އުސޫލަށް އަމަލު ކުރަން ފެށި ނަމަވެސް ވެއްޔަށް ދައްކަން ޖެހޭ އަގު ދައްކަން ފަށަނީ އެ އުސޫލު ކައުންސިލްގެ ވެބްސައިޓުގައި އާންމު ކުރާތާ 60 ދުވަސް ފަހުން ކަމަށް ވެސް ބުނެފައިވެއެވެ.
މި އުސޫލުގައިވާގޮތުން މި އުސޫލު އާންމު ކުރާތާ 14 ދުވަހުގެ ތެރޭގައި އައްޑޫގައި ވެލިނަގަމުންދާ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ އިރު އެ ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގެ ތެރެއިން ވެލި ނެގޭނެ ސަރަހައްދުތައް ކައުންސިލުން ކަނޑައަޅާންޖެހޭ ކަމަށް ބުނެފައިވެއެވެ. އެ ސަރަހައްދުތަކުން ވެލި ނެގޭނީ ވަކި ހާއްސަ ފޯމަކުން ވެލި ނެގުމުގެ ހުއްދައަށް އެދި ހުށަހެޅުމުން އެ ހުއްދަ ލިބޭ ފަރާތްތަކަށް އެކަނި ކަމަށާއި ފޯމު ށަހަޅާއިރު، ވެލި ނެގުމަށް ބޭނުން ކުރާ ދޯނީގެ ތަފްސީލު ހިމަނަން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެއެވެ.
ވެލި ނެގޭނީ އައްޑޫގައި އިމާރާތް ކުރުމަށާއި އެހެނިހެން ބޭނުންތަކަށް އެކަނި ކަމަށާއި ވެލި ނަގައިގެން ވިއްކުމުގެ ހުއްދަ އޮތީ ހަމައެކަނި އެ ކައުންސިލަށް ކަމަށާއި ވެލި ނެގުމަށް ހުއްދަ 1 އަހަރުގެ މުއްދަތައް ކަމަށް ބުނެފައިވެއެވެ. ހުއްދަ އާ ކުރަން ބޭނުންވާ ފަރާތްތަކުން މުއްދަތު ހަމަވުމުގެ 60 ދުވަސް ކުރިން ހުށަހަޅަން ޖެހޭނެ ކަމަށާއި އިމާރާތް ކުރުމަށާއި އެހެނިހެން ބޭނުންތަކަށް ވެލި ނެގުމަށް ހުއްދައިގެ ފީއަކީ މަހަކު 500 ރުފިޔާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ހުއްދައާއެކު ދުވާލަކަށް ނެގޭނީ ގިނަ ވެގެން 1،000 ވެލި ބަސްތާ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ އުސޫލުގައި ބުނެފައިވަނީ ވެލި ނެގުމަށް އެ ކައުންސިލުން ދޫކުރާ ހުއްދަ ނަހަމަ ގޮތުގައި ބޭނުންކޮށްފިނަމަ 2،000 ރުފިޔާއާއި 5،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް ހުއްދަ ބާތިލު ކުރުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވާ ކަމަށެވެ.
ރާއްޖޭތެރޭގެ މީހުން އުޅޭ ރަށްރަށުން، ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން، ގަލާއި، ވެއްޔާއި، އަކިރި ނަގަންވާނީ، އެންވައިރޮމެންޓް މިނިސްޓްރީ އިން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ލިބިގެންނެވެ. އަދި މީގެ ތެރޭގައި އެ ރަށެއްގެ މީހުން، އުވަދަވަން ނަގާ އަކިރިއެއް ނުހިމެނޭނެ ކަމަށް ވެސް އެ ގާނޫނުގައިވެއެވެ.