ޚަބަރު
ކައުންސިލް އިންތިޚާބުގެ ވޯޓާސް ލިސްޓަށް މިހާތަނަށް 315 ޝަކުވާ ހުށައަޅައިފި: އީސީ
އީސީގެ ޕޯޓަލް
މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް މިހާތަނަށް 315 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން މިއަދު ހަވީރު 18:00 އާ ހަމައަށް 315 ފަރާތަކުން ވަނީ ޝަކުވާ ހުށަހަޅާފައެވެ. އީސީން ވިދާޅުވީ ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ލިބިފައިވާ މި ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ރަޖިސްޓަރީގައިވާ އެޑްރެސް ބަދަލުކުރުމަށާއި، ރަށްވެހިކަން ބަދަލުވެފައިވާތީ ހުށަހެޅި ޝަކުވާތަކުގެ އިތުރުން، ނިޔާވެފައިވާ ފަރާތްތަކުގެ ނަން ލިސްޓުން އުނިކުރުމަށް ހުށަހަޅާފައިވާ ޝަކުވާތަކެވެ.
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް އީސީން އާންމުކޮށްފައިވާ ލިސްޓު ޗެކްކޮށް، މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު އެއްވެސް މައްސަލައެއް އުޅޭނަމަ މުއްދަތު ހަމަވުމުގެ ކުރިން ޝަކުވާ ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ޝަކުވާ ހުށަހަޅާއިރު، ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް ނުވަތަ އުނިކުރުމަށް ނުވަތަ މަޢުލޫމާތަށް ބަދަލެއް ގެނައުމަށް އެދޭނަމަ، އެ ޝަކުވާގެ ޞައްޙަކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެއެވެ. އަދި ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ، އެ ފަރާތްތަކަށް ޚާއްޞަކުރެވިފައިވާ 'ސިމެދަ ޕޯޓަލް' މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ވޯޓާސް ލިސްޓުގައިވާ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، އެސްއެމްއެސް މެދުވެރިކޮށްވެސް ޗެކްކުރެވޭނެއެވެ. އެގޮތުން 1414 އަށް VR (space) ID number ޖެއްސެވުމަށްފަހު މެސެޖު ކުރުމުން މަޢުލޫމާތު ސާފުވާނެއެވެ. މީގެ އިތުރުން، އިންތިޚާބާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ކޮމިޝަނުގެ ކޯލް ސެންޓަރު ނަންބަރު 1414 އަށް ގުޅުއްވުމަށް އީސީން ވަނީ އެދިފައެވެ.