ޚަބަރު
“ބޯހިޔާވަހިކަން އެންމެނަށް” ސްކީމަށް ކުރިމަތިލާން ހުޅުވާލުން އަންނަ އާދީއްތަ އަށް ފަސްކޮށްފި
ހިއްކަމުންދާ ހުޅުމާލެ ތިންވަނަ ފިޔަވަހި. ފޮޓޯ: އެޗްޑީސީ
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ހުޅުވާލާ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު، އަންނަ އާދިއްތަ ދުވަހަށް ފަސްކުރުމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރިން ކަނޑައަޅާފައިވަނީ މިއަދަށެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި މުއްދަތު ފަސްކުރަން ނިންމީ މި ސްކީމަށް ވަރަށް ގިނަ ފަރާތްތަކަކުން އެޕްލައިކުރާނެ ކަމަށް ލަފާކުރެވޭތީއާއި، ހަފްތާ ބަންދާ ދިމާކޮށް ހުޅުވުމުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގައި ދަތިތަކެއް ހުރެދާނެތީއެވެ. އެހެންކަމުން، 18 ޖެނުއަރީ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާނެއެވެ.
މި ސްކީމަކީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އިޢުލާނުކުރި ސްކީމެކެވެ. މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
އުސޫލަށް ގެނެވުނު މުހިންމު ބަދަލުތައް
މި ސްކީމަށް ފޯމު ހުށަހެޅުން ފުރަތަމަ ޖެނުއަރީ 4 އަށް ތާވަލުކުރުމަށްފަހު، ފަހުން ޖެނުއަރީ 15 އަށް ފަސްކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް އުސޫލަށް ބަދަލުތަކެއް ގެނައުމަށެވެ. އެގޮތުން ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން، ދަރިން ތިބި މިންވަރަށް ބަލައި 3 ކޮޓަރީގެ ފްލެޓަށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ފްލެޓާއި ގޯތި ބަހާލެވިފައިވާ ގޮތަށް ބަލާއިރު، މާލޭގެ ރަށްވެހިންނަށް 10,000 ގޯއްޗާއި 4,000 ފްލެޓް ޚާއްޞަކޮށްފައިވެއެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯއްޗާއި 1,500 ފްލެޓް ކަނޑައަޅާފައިވާއިރު، ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މައިމުޅަވެފައިވާ މީހުންނަށާއި، މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތައް ބަދަލުކުރާ ފަރާތްތަކަށްވެސް ގޯތި ޚާއްޞަކޮށްފައިވެއެވެ.
މިފަހަރުގެ ސްކީމުގައި މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް ޚާއްޞަ ކެޓަގަރީތަކެއް ވަނީ ހިމަނާފައެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އިލްތިމާސްކުރަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ޙާލަތާ އެންމެ އެކަށީގެންވާ އެއް ކެޓަގަރީއަކުން ފޯމު ހުށައެޅުމަށެވެ. ހުރިހާ ފޯމެއްވެސް ހުށަހަޅަންޖެހޭނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށެވެ.