Ads by Stelco

ޚަބަރު

ވެލާނާ އެއަރޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައާ ގުޅިގެން އިތުރުމީހަކު ހައްޔަރުކޮށްފި

ވެލާނާ އެއަރޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައާ ގުޅިގެން އިތުރުމީހަކު ހައްޔަރުކޮށްފި

މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖެނުއަރީ 2026، 01:14

15 ޖެނުއަރީ 2026، 01:14

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ގިނަ އަދަދެއްގެ ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް، މި މައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު އަށް އަދަދަށް އަރައިފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އަންގާރަ ދުވަހު ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / މީޒާން، އުމުރުން 30 އަހަރުގެ އިސްމާޢީލް ސިރްޙާން އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގެ މުއްދަތަށް 30 ދުވަސް ވަނީ ޖަހާފައެވެ. މީގެ ކުރިން މި މައްސަލައިގައި ހަތް މީހަކު ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ތިބިކަން ފާހަގަކުރެވެއެވެ.

މި ފޭރުމުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުގެ ފަތިހުއެވެ. އެއަރޕޯޓުން ފައިސާ ހުރި ސޫޓު ކޭހެއް ފޭރިގަތް މައްސަލަ ރިޕޯޓްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ފޭރުމުގައި ބޭނުންކުރި ލޯންޗު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ރަސްމީކޮށް ފައިސާގެ އަދަދު ހާމަނުކުރި ނަމަވެސް، އެ ކޭހުގައި ބީއެމްއެލުން ދޫކުރާ 130,000 ޑޮލަރު ހުރި ކަމަށް މަޢުލޫމާތު ލިބެއެވެ.

މި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވާ އެހެން މީހުންނަކީ މާޒިން މޫސާ (25އ)، ޢަޙްމަދު ރައިހާން ނަޢީމް (20އ)، އިބްރާހިމް އަނޫފް (24އ)، ހުސެއިން ޝަހުދު (30އ)، އަބްދުލްއައްވަލް އިބްރާހިމް (27އ)، އަޙްމަދު މާހިދު (44އ) އަދި ޢަލީ އަފްޒަލް (21އ) އެވެ.

މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން ފުލުހުން ވަނީ މިހާތަނަށް 04 މީހަކު ރާއްޖެއިން ފުރުން މަނާކޮށްފައެވެ. އަދި ތަޙުޤީޤަށް ބޭނުންވާ ހެކި ހޯދުމަށް 05 އުޅަނދެއް ބަލައި ފާސްކޮށް، މާލެއާއި އަތޮޅުތެރޭގެ ރަށްތައް ހިމެނޭހެން ޖުމްލަ 20 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450