Ads by Stelco

ޚަބަރު

މިހާރު 18 ތަނަކުން ދޫކުރާ ނަންބަރަށް އާސަންދައިގެ ދަށުން އައިނު ހެއްދޭނެ

މިހާރު 18 ތަނަކުން ދޫކުރާ ނަންބަރަށް އާސަންދައިގެ ދަށުން އައިނު ހެއްދޭނެ

އައިޖީއެމްއެޗްގައި ހުންނަ އައިނު ފިހާރަަ. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖެނުއަރީ 2026، 01:15

15 ޖެނުއަރީ 2026، 01:15

އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ފޯރުކޮށްދެމުންދާ ބައެއް ތަންތަނުން ހައްދާ ނަންބަރު އައިނުތަކަށް، އާސަންދައިގެ ޚިދުމަތް މިއަދުން ފެށިގެން ފޯރުކޮށްދެވޭނެކަމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑުން ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ފުޅާކުރުމުގެ ގޮތުން މާލެ ސަރަހައްދުގެ ގިނަ އަދަދެއްގެ ކްލިނިކްތަކާއި އައިނު ފިހާރަތަކާއި، ހޮސްޕިޓަލްތައް ހިމެނޭގޮތަށް ޖުމްލަ 18 ތަނެއް ވަނީ ހަމަޖައްސާފައެވެ.

ޕްރިސްކްރިޕްޝަން ގްލާސަސް ނުވަތަ ނަންބަރު އައިނު ހެއްދުމުގެ ޚިދުމަތް، ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖެއްސުމުގެ ގޮތުން ކްލިނިކްތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައެވެ. އާސަންދައިން ވިދާޅުވީ، އެމްޕެނަލްކުރެވިފައިވާ އައިނު ފިހާރަތަކުން ރަޖިސްޓަރވެފައިވާ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށްވެސް މި ޚިދުމަތް ލިބިގެންދާނެކަމަށެވެ.

އާސަންދައިގެ ދަށުން އައިނު ހެއްދޭނެ ތަންތަން
އާސަންދައިން އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ތަންތަނަކީ: އޭޑީކޭ ހޮސްޕިޓަލް، އެޑްވާންސް އައި ކްލިނިކް، އެޑްވާންސް މެޑިކަލް ކްލިނިކް، އެއިމްސް ޑައިގްނޯސްޓިކް ކެއަރ، އާޒިމް ނައީމް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރ، ޗިޓީ އޮޕްޓިކަލް ކްލިނިކް، އައި ކެއަރ ކްލިނިކް (މާލެ އަދި ހުޅުމާލެ)، އައި ކެއަރ ހޮސްޕިޓަލް (މާލެ އަދި ހުޅުމާލެ)، ފަރޫކް ހެލްތު ކެއަރ، މަލްޑިކެއަރ، ނޫސަންދާ، ސެނަހިޔާ، ޓްރީޓޮޕް ހޮސްޕިޓަލް، ވިޝަން ކްލިނިކް އަދި ޕަބްލިކް ހެލްތު ފެސިލިޓީސް އެވެ.

އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ވަނީ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިިހާރާއެއްވެސް ހުޅުވާފައެވެ. މީގެ އިތުރުން، އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީވެސް މި ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ.

ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450