Ads by Stelco

ޚަބަރު

ހޮނިހިރު ދުވަހު ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލަނީ

ހޮނިހިރު ދުވަހު ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލަނީ

އީސީއިން މިއަދު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖެނުއަރީ 2026، 04:56

15 ޖެނުއަރީ 2026، 04:56

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 17 ވާ ހޮނިހިރު ދުވަހުން ފެށިގެން ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. މިފަހަރުގެ އިންތިޚާބުގެ ޚާއްޞަ ކަމަކީ، ކެންޑިޑޭޓުންގެ ފޯމުތައް ޕޯޓަލް މެދުވެރިކޮށް ޑިޖިޓަލްކޮށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖެއްސެވުމެވެ. މިއީ ރާއްޖޭގެ އިންތިޚާބެއްގައި ކެންޑިޑޭޓުންގެ ފޯމު ޑިޖިޓަލްކޮށް ބަލައިގަންނަ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތަފްސީލަށް ބަލާއިރު، ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބު ކުރެވިގެންދާނެ ކަމަށެވެ.

އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާ ގޮތުން، ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. މީގެ ތެރެއިން 132 ރަށަކަށް އިންތިޚާބު ކުރާނީ ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން 3 ކައުންސިލަރުންނެވެ. އަދި 46 ރަށަކަށް ކައުންސިލް ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭހެން 5 ކައުންސިލަރުން އިންތިޚާބު ކުރާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށްވެސް މެންބަރުން އިންތިޚާބު ކުރާނީ ކައުންސިލްތަކަށް އިންތިޚާބު ކުރާ އަދަދަށެވެ.

ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެ ގޮތާ ގުޅޭގޮތުން ޒާހިދު ވިދާޅުވީ، "އަޅުގަނޑުމެން އާންމު އެހެނިހެން އިންތިޚާބުތަކެކޭ އެއްގޮތަށް ވޯޓުލުން ކުރިއަށްގެންދާނީ އެދުވަހުގެ ހެނދުނު 8 އިން ފެށިގެން ހަވީރު 4 އަކަށް،" ކަމަށެވެ. ގުދުރަތީ ކަމެއް ދިމާވެގެން ނޫން ގޮތަކަށް ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 561 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އަތޮޅުތަކުގެ ރަށްރަށުގައި ބަހައްޓާ 321 ފޮއްޓާއި މާލެ ސަރަޙައްދުގައި ބަހައްޓާ 240 ފޮށި ހިމެނެއެވެ. މީގެ އިތުރުން ރިސޯޓުތަކާއި، ޖަލުތަކާއި، ސިނާޢީ ރަށްތަކުގެ އިތުރުން މެލޭޝިއާ އަދި ސްރީލަންކާގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450