ޚަބަރު
72 މީހުންނާއެކު ދަތުރުކުރި ފެރީއެއް އެނބޫދޫ ފަރަށް އަރައިފި: ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި
ފަރަށްއެރި ދޯނިން މީހުން ސަލާމަތް ކުރަނީ ފޮޓޯ : ފުލުހުން
މާލެއިން ފުރައިގެން ކ. މާފުއްޓަށް ދަތުރުކުރި ފެރީއެއް އެނބޫދޫ ފަރަށް އަރައިގެން، ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:24 ހާއިރުއެވެ. މި ފެރީ ފަރަށް އަރަން މެދުވެރިވީ ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އުޅަނދުގައި ހާދިސާ ހިނގިއިރު ޖުމްލަ 72 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 67 ފަތުރުވެރިންނާއި، 3 ދިވެހިންގެ އިތުރުން 2 ބިދޭސީންނެވެ. ފުލުހުން ވިދާޅުވީ ފެރީގައި ދަތުރުކުރި ހުރިހާ އެންމެންވެސް ރައްކާތެރިކަމާއެކު ސަލާމަތްކޮށްފައިވާ ކަމަށާއި، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ފަރަށް އެރި އުޅަނދު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ އެ އުޅަނދުގެ ވެރިފަރާތުންނެވެ. ކަނޑުމަތީގެ މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް ދަތުރުވެރިންނާއި އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.