ވިޔަފާރި / ޚަބަރު

ހުޅުމާލޭ ފަޅުތެރޭގައި ފައިބަރުގެ މަސައްކަތް ކުރުން މަނާކޮށް، އެކަން ހުއްޓާލުމަށް އެޗްޑީސީން އަންގައިފި

ހުޅުމާލޭ ފަޅުތެރޭގައި ފައިބަރުގެ މަސައްކަތް ކުރުން މަނާކޮށް، އެކަން ހުއްޓާލުމަށް އެޗްޑީސީން އަންގައިފި

ހުޅުމާލެ ފޮޓޯ: އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ޖެނުއަރީ 2026، 08:15

15 ޖެނުއަރީ 2026، 08:15

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައިވާ އޮޑިދޯނިފަހަރުގައި ފައިބަރުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަން ހުއްޓާލުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭ ފަޅުތެރޭގައި އޮންނަ އުޅަނދުފަހަރުގައި ފައިބަރުގެ މަސައްކަތް ކުރުމަކީ ތިމާވެއްޓަށާއި ފަޅުތެރެ ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށެވެ. އެހެންކަމުން، ހުޅުމާލޭ ފަޅުތެރޭގެ އެއްވެސް ސަރަހައްދެއްގައި ފައިބަރުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ކަނޑައަޅާފައެވެ.

މިގޮތުން، ހުޅުމާލޭގެ ފަޅުތެރޭގައި މިފަދަ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކުން، 18 ޖަނަވަރީ 2026 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 00:00 ގެ ކުރިން އެ މަސައްކަތްތައް ހުއްޓާލުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އަދި މިފަދަ މަސައްކަތްތައް ކުރަން ބޭނުންވާ ފަރާތްތަކުން، އެ މަސައްކަތް ކުރުމަށް ޚާއްޞަކޮށް ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ބަދަލުކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

އެޗްޑީސީން އިތުރަށް ބުނެފައިވަނީ، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން މިފަދަ މަސައްކަތްތައް ހުއްޓާލާފައި ނުވާނަމަ، މެރިން ޕޮލިސް އާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން އެކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ. މި ނިންމުމަކީ ހުޅުމާލޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ފަޅުތެރެ ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އެޗްޑީސީން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450