Ads by Stelco

ޚަބަރު

އެޗްޑީސީގެ "ރޯދަ ބާޒާރު ފެސްޓިވަލް" މިމަހު 28ގައި، ސްޓޯލްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަނީ

އެޗްޑީސީގެ "ރޯދަ ބާޒާރު ފެސްޓިވަލް" މިމަހު 28ގައި، ސްޓޯލްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަނީ

އެޗްޑީސީގެ ރޯދަ ބާޒާރު ފެސްޓިވަލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖެނުއަރީ 2026، 03:48

16 ޖެނުއަރީ 2026، 03:48

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުކުރާ "ރޯދަ ބާޒާރު ފެސްޓިވަލް" މި މަހުގެ 28 ވަނަ ދުވަހު ފެށުމަށް ނިންމައި، އެ ފެސްޓިވަލުން ސްޓޯލް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހު ފުރުޞަތު ހުޅުވާލާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސްޓޯލް ކުއްޔަށް ހިފުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެއެވެ. އެޗްޑީސީން ވިދާޅުވީ، އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރާ ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށާއި، ސްޓޯލްތައް ދޫކުރާނީ "ފަސްޓު-ކަމް ފަސްޓު ސާވް" ނުވަތަ އިސްކަންދޭ ތަރުތީބުން ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށެވެ.

ސްޓޯލްތަކުގެ ތަފްސީލާއި އަގުތައް
މި ފެސްޓިވަލުގައި އެކި ބާވަތްތަކުގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ޖުމްލަ 80 ސްޓޯލް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ސްޓޯލަކީވެސް 10 ފޫޓު 10 ފޫޓުގެ ސައިޒުގެ ތަންތަނެވެ.

ސްޓޯލްތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު:

  • މޭވާ، ތަރުކާރީ އަދި ކެއްކުމަށް ބޭނުންކުރާ ތަކެތި: 20 ސްޓޯލް
  • ބަދިގޭގެ ސާމާނާއި ކައްކާ ސާމާނު: 24 ސްޓޯލް
  • ގޭތެރެ ޒީނަތްތެރި ކުރާ ސާމާނު: 10 ސްޓޯލް
  • އަންނައުނާއި ފޭރާން: 10 ސްޓޯލް
  • ހޯމް ކެއަރ އެންޑް ހާރޑްވެއަރ: 8 ސްޓޯލް
  • ފާރނީޗަރާއި އިލެކްޓްރިކަލް އެޕްލަޔަންސެސް: 6 ސްޓޯލް
  • ކާބޯތަކެތި (ފުޑް އެންޑް ބެވަރޭޖް): 10 ސްޓޯލް


ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެސްޓިވަލުގެ ސްޓޯލުތަކުގެ ކުލި އުޅެނީ 5,000 ރުފިޔާއާއި 8,500 ރުފިޔާއާ ދެމެދުގައެވެ.

އެޗްޑީސީން ބުނީ ސްޓޯލް ކުއްޔަށް ހިފާ ފަރާތްތަކުން އާންމުންނަށް އުނދަގޫވާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި ސްޓޯލް ނުވަތަ ފެސްޓިވަލް ސަރަޙައްދަށް ލިބޭ ގެއްލުންތަކުގެ ފުރިހަމަ ޒިންމާ ކުއްޔަށް ހިފާ ފަރާތުން އުފުލަން ޖެހޭނެއެވެ. މީގެ އިތުރުން، ސްޓޯލުން ބޭރުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި، ލިބިފައިވާ ސްޓޯލް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ މަނާ ކަމެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ހަނދާންކޮށްދީފައެވެ.

މިދިޔަ އަހަރުވެސް އެޗްޑީސީން ވަނީ ރަމަޟާން މަހާ ދިމާކޮށް މިފަދަ ބާޒާރެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450