ޚަބަރު
ފަތުރުވެރިކަމުގެ މިއަހަރުގެ އަދާހަމަ: މިހާތަނަށް ލައްކައެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްފި
ފަތުރުވެރިންތަކެއް ރާއްޖޭގެ ރިސޯޓެއްގައި. ފޮޓޯ: ސަން
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 99،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 99،350 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 90،659 ފަތުރުވެރިންނާ އަޅާބަލާއިރު 9.6 އިންސައްތަ އިތުރު އަދަދެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 9،596 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމުގައިވީ ނަމަވެސް، މިއަހަރުގެ ފުރަތަމަ 14 ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއިން މިހާތަނަށް 16،868 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި 5 ޤައުމުގެ ތެރޭގައި ހިމެނެނީ:
1. ރަޝިއާ - 16،868 ފަތުރުވެރިން
2. އިޓަލީވިލާތް - 11،987 ފަތުރުވެރިން
3. އިނގިރޭސިވިލާތް - 8،159 ފަތުރުވެރިން
4. ޖަރުމަނުވިލާތް - 6،245 ފަތުރުވެރިން
5. ޗައިނާ - 5،404 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 7,096 އެއްހާ ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި އަހަރެކެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ޖުމްލަ 2.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.