ޚަބަރު
ޗަމްޕާ ކުންފުނީގެ ދަށުން ހިންގާ ހުރިހާ ރިސޯޓެއްގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަދޭން ނިންމައިފި
ޗަމްޕާ ކުންފުނީގެ ދެ މުއައްސިސުން
ރާއްޖޭގައި 11 ރިސޯޓެއް ހިންގަމުން އަންނަ ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މުސާރަ ޑޮލަރުން ދޭން އެ ކުންފުނިން ނިންމައިފިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޮޑު ނިންމުމެކެވެ.
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރު) އިން ބުނެފައިވާ ގޮތުގައި، މި ބަދަލު ގެންނަން ނިންމީ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން މުވައްޒަފުންނަށް އެންމެ ރަނގަޅު ގޮތްތަކެއް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. މީގެ ކުރިން ބޭންކިން ނިޒާމަށް ޓޫރިޒަމް ސިނާއަތުން ލިބޭ ޑޮލަރު މާރުކުރަން ފެށުމުން ކުންފުންޏަށް ދަތިވާ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ބާނީން ކަމަށްވާ ޗަންޕާ ހުސެއިން އަފީފު އާއި ކޮއްކޮ މުހައްމަދު މޫސާ (އުއްޗު) އިސްވެ ހުންނަވާ މި ކުންފުނީގައި 3،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. މި ނިންމުމާއެކު އެ ހުރިހާ މުވައްޒަފުންނަށްވެސް މުސާރައިގެ ގޮތުގައި ޑޮލަރު ލިބިގެންދާނެއެވެ.
މި ބަދަލަކީ ރާއްޖޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާއި، ޑޮލަރު މާރުކުރުމާ ގުޅޭގޮތުން އަލަށް އަމަލުކުރަން ފެށި ގަވައިދުތަކާ ގުޅިގެން މުވައްޒަފުންގެ މަސްލަހަތު ހިމާޔަތްކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މީގެ ސަބަބުން މުވައްޒަފުންނަށް މާލީ ގޮތުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.