ޚަބަރު
އިދިކޮޅު އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށައިގެން ކުރިއަށްދަނީ
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ކުރިއަށް ދަނީ. ފޮޓޯ: އެމްޑީޕީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެމްޑީޕީ ތަމްސީލް ކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު މެންދުރުފަހު ފަށައިފިއެވެ. މިއަދު މެންދުރުފަހު 14:30 ގައި ފެށި މި ވޯޓުލުން މިރޭ 20:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ޕާޓީން މަޢުލޫމާތުދެއެވެ.
މި އިންތިޚާބުގެ ވޯޓު ފޮށިތައް މާލެ ސަރަހައްދާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ވަނީ ބަހައްޓާފައެވެ. އެގޮތުން މާލޭގައި މަޖީދިއްޔާ ސްކޫލް، ގަލޮޅު މަދުރަސާ، ހިރިޔާ ސްކޫލް އަދި އިސްކަންދަރު ސްކޫލުގައި ވޯޓުލުން ކުރިއަށްދާއިރު، ހުޅުމާލޭގައި ޣާޒީ ސްކޫލާއި ކާމިލްދީދީ ސްކޫލުގައި ވޯޓު ފޮށިތައް ވަނީ ބަހައްޓާފައެވެ. އަދި ވިލިމާލޭގައި ވޯޓުލުން ކުރިއަށްދަނީ މުޙްޠިއްދީން ސްކޫލުގައެވެ.
އެމްޑީޕީން އާންމުކޮށްފައިވާ ލިސްޓަށް ބަލާއިރު، މި ޕްރައިމަރީގައި ޖުމްލަ 152 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެތެރޭގައި ކައުންސިލްތަކުގެ މެންބަރުންނާއި، ރަށު ކައުންސިލް ރައީސުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއި މެންބަރުކަމަށް ވާދަކުރާ ފަރާތްތައް ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން ސްކޫލްތަކުގައި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ބޭއްވުން މަނާކޮށްފައި އޮތް ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ އެ ސިޔާސަތަށް ބަދަލު ގެނެސްފައެވެ. ސްކޫލްތަކުގެ ކިޔެވުމަށް ދަތިނުވާނެހެން ބަންދު ދުވަސްތަކުގައި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުޞަތު ހުރިހާ ޕާޓީތަކަށްވެސް އެއް ހަމައަކުން މިހާރު ވަނީ ފަހިކޮށްދީފައެވެ.
މި ސިޔާސަތަށް ގެނައި ބަދަލާއެކު، މާލެއާއި ރަށްރަށުގެ ސްކޫލްތަކުގައި ޕްރައިމަރީގެ ކަންކަން އޮމާންކަމާއެކު ކުރިއަށްދާއިރު، ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ ޕްރައިމަރީވެސް މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ ބާއްވާފައެވެ.