Ads by Stelco

ޚަބަރު

މިއަހަރުގެ ފުރަތަމަ 12 ދުވަހާއި ހަމައަށް 13.8 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

މިއަހަރުގެ ފުރަތަމަ 12 ދުވަހާއި ހަމައަށް 13.8 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

ދިވެހި މަސްވެރިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޖެނުއަރީ 2026، 10:56

17 ޖެނުއަރީ 2026، 10:56

މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް މަސްވެރިންނަށް 13.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ސަރުކާރުގެ މަސް ކުންފުނިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް މުޅި ޖުމްލަ 13,894,956.88 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިހާރު ދަނީ ފައިސާ ދޫކުރަމުންނެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ފައިސާ ދޫކުރުމަށް ގެނައި މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ނިންމެވި މުހިންމު ނިންމެވުންތަކުގެ ދަށުން، މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ. މިއީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށް، މަސްވެރިކަމުގެ ޚަރަދުތައް ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ ސަރުކާރުގެ އިސްކަންދެއްވާ މުހިންމު ތަޞައްވުރެކެވެ. މިގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިހާރު ވަނީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ، މި ދާއިރާއަށް ޒުވާނުން ނެރުމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއްވެސް ފަށާފައެވެ.

ސަރުކާރުން ދަނީ ރާއްޖޭގައި މަސް ރައްކާކުރުމުގެ ޤާބިލްކަން ދެގުނަ ކުރުމަށާއި، ޕްރޮސެސިންގ ފެސިލިޓީތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. މީގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މަހުގެ ބާވަތްތަކަށް ވާއިރު، މަސްވެރިކަމުން އިޤްތިޞާދަށް ކުރާ އަސަރު ބޮޑުކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450