ޚަބަރު
ކައުންސިލް އިންތިޚާބުގެ ފޯމު ބަލައިގަތުން އޮންލައިން ކޮށް، ފޯމު ބަލައިގަންނާނީ ވަކި ގަޑިތަކެއްގައި
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕްރެސް
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަކީ، ކުރީގެ އިންތިޚާބުތަކާ ޚިލާފަށް އިދާރީ ގިނަ ކަންތައްތަކެއް ޑިޖިޓަލައިޒްކޮށްގެން ކުރިއަށްގެންދާ އިންތިޚާބެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މިގޮތުން ވޯޓާސް ލިސްޓުގެ ކަންކަމާއި ކެނޑިޑޭޓުން ފޯމު ހުށަހެޅުމުގެ އިންތިޒާމުތައްވެސް މިފަހަރު ހަމަޖައްސާފައިވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހު ހުޅުވާލާއިރު، ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 3:30 އެވެ. ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވަކި ގަޑިތަކެއްގައެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 3:30 އަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 3:30 އިން ހަވީރު 6:00 އަށް ފޯމު ބަލައިގަންނާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕޯޓަލް ފަރުމާކޮށްފައިވަނީ ކަނޑައެޅިފައިވާ ގަޑިން ބޭރުން ފޯމު ބަލައިނުގަނެވޭ ގޮތަށެވެ.
ކެނޑިޑޭޓުން ފޯމު ހުށަހަޅާއިރު ސާބިތު ދަރަންޏެއް އޮތް ފަރާތެއް ނަމަ، އެ ދަރަނި ޤަވާއިދުން ދައްކަމުންދާކަން ކަށަވަރުކުރެވޭ ލިޔުމެއް ހުށަހަޅަންޖެހެއެވެ. މީގެ ތެރޭގައި ޝަރުޢީ ކޯޓަކުން ދަރަނި އަދާކުރުމަށް ހުކުމްކޮށްފައިވާ މައްސަލަތަކާއި، ވަރީގެ މައްސަލަތަކުގައި ދަރިންނަށް ދޭންޖެހޭ ޚަރަދާއި، މާލީ އިދާރާތަކުން ނަގާފައިވާ ލޯނުތައް ހިމެނެއެވެ. ބޭންކު ނުވަތަ މާލީ އިދާރާތަކުން ދޫކުރާ ލިޔުމުގައި އެ ފަރާތަކީ ޤަވާއިދުން ފައިސާ ދައްކާ ފަރާތެއްކަން ސާފުކޮށް އެނގެން އޮންނަންޖެހޭނެ ކަމަށް ކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސްގެ މައި ޕޯޓަލް ފަރުމާކޮށްފައިވަނީ ޤާނޫނީ ގޮތުން އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިތަކަށް ފިރިހެނުންނަށް ކުރިމަތިނުލެވޭނެ ގޮތަށެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ކަންކަންވެސް މި ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން، ކެނޑިޑޭޓުން ފޯމު ހުށަހަޅާ ވަގުތު ސިސްޓަމުން އެނގެން ހުންނާނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، ޕޯޓަލްއިން ވަކި ވަގުތުތަކެއް ކަނޑައަޅަނީ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ. "މިގޮތަށް ހުށަހަޅާއިރު އަޅުގަނޑުމެންވެސް އެބަޖެހޭ އިދާރީ ގޮތުން އިންތިޒާމުތައް ހަމަޖައްސަން. ކެނޑިޑެސީ ބަލައިގަތްތޯ ނުވަތަ ނޫންތޯ ފަސް ދުވަހުގެ ތެރޭގައި އަންގަން ޖެހޭ،" ޒާހިދު ވިދާޅުވިއެވެ.
މިއަހަރުގެ އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ފޯމު ހުށަހެޅުމުގެ ކަންކަން ލަސްނުކޮށް ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށް ހުރިހާ ކެނޑިޑޭޓުންނަށް އިލްތިމާސްކޮށްފައެވެ.