Ads by Stelco

ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި؛ ފޯމު ހުށަހަޅަންޖެހެނީ އޮންލައިންކޮށް

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި؛ ފޯމު ހުށަހަޅަންޖެހެނީ އޮންލައިންކޮށް

އިންތިހާބުގެ މަސައްކަތް ކުރިއަށް ދަނީ ފޮޓޯ: އިލެކްޝަން ކޮމިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖެނުއަރީ 2026، 01:19

17 ޖެނުއަރީ 2026، 01:19

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

މިއަދުން ފެށިގެން އަންނަ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 15:30 އާ ހަމައަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ. އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާނެއެވެ.

މިފަހަރުގެ އިންތިޚާބުގެ އެންމެ ބޮޑު އެއް ތަފާތަކީ ކެނޑިޑޭޓުން ފޯމު ހުށަހަޅަންޖެހެނީ އޮންލައިންކޮށް ކަމަށްވުމެވެ. އެގޮތުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކާއި އިދާރީ ފީ ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން 15:30 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން 18:00 އަށް ފޯމު ބަލައިގަންނާނެއެވެ.

މި އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރާ 678 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުކުރާ 678 މެންބަރުން ހިމެނެއެވެ. ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ.

ވޯޓާސް ލިސްޓުގައިވާ ގޮތުން މިފަހަރު ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.

ވޯޓުލުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ފޮށި، މާލެ ސަރަޙައްދުގައި 240 ފޮށި، ރިސޯޓުތަކުގައި 50 ފޮށި، ޖަލުތަކުގައި 5 ފޮށި އަދި ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި ހިމެނެއެވެ. އަދި ރާއްޖެއިން ބޭރުގެ ދެ ޤައުމެއްގައިވެސް ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މެލޭޝިއާގެ ކުއަލަލަމްޕޫރާއި ސްރީލަންކާގެ ކޮލަމްބޯގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް ތައްޔާރުވާ މި އިންތިޚާބަކީ އިދާރީ ގިނަ ކަންކަން ޑިޖިޓަލައިޒްކޮށް، އޮންލައިންކޮށް ގިނަ ޚިދުމަތްތަކެއް ލިބޭނެހެން އިންތިޒާމު ކުރެވިފައިވާ އިންތިޚާބެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450