ޚަބަރު
އެމްޑީޕީގެ މޭޔަރު ޓިކެޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި
މާޅޭ ސިޓީ މޭޔަރ އާދަމް އާޒިމް ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.
އިއްޔެ ބޭއްވި މި ޕްރައިމަރީގައި އެކި ދާއިރާތަކުން ޖުމްލަ 154 ކެންޑިޑޭޓުން ވާދަކުރިއިރު، އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔައީ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށެވެ. މި ޓިކެޓަށް އާދަމް އާޒިމާ ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. ޢަލީ ޢާޒިމަކީ ނިމިދިޔަ ރިޔާސީ އިންތިޚާބާ ގާތްވެފައިވަނިކޮށް އެމްޑީޕީން ވަކިވެވަޑައިގެން 'ދަ ޑިމޮކްރެޓްސް' އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން އޭނާ ހިމެނޭހެން ޑިމޮކްރެޓްސްގެ އިސް ގިނަ މެންބަރުންތަކެއް ވަނީ އަލުން އެމްޑީޕީއާ ގުޅިފައެވެ.
މާލޭގެ ދާއިރާތަކުން 5،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވީ މި އިންތިޚާބުގައި، މާލޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 17 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އާދަމް އާޒިމް ޕްރައިމަރީ ކާމިޔާބު ކުރެއްވީ ވޯޓުލީ ގިނަ ފޮށިތަކުގެ ބޮޑު މެޖޯރިޓީއެއް ހޯއްދަވައިގެންނެވެ.
އާދަމް އާޒިމަކީ ކުރީގެ އެމްޑީޕީ ސަރުކާރުގައި އެސްޓީއޯ އާއި އެމްޓީސީސީ ފަދަ ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައި، ކާމިޔާބު ހިންގުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅެކެވެ.
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނީ އާދަމް އާޒިމެވެ.