ކުޅިވަރު

ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން ތާވަލުގެ އެއްވަނައިގައި ފައިތިލަ ސާބިތުކޮށްފި

ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން ތާވަލުގެ އެއްވަނައިގައި ފައިތިލަ ސާބިތުކޮށްފި

ސާފް ޗެމްޕިއަންޝީޕް ފޮޓޯ: ސިޑިބަރި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖެނުއަރީ 2026، 01:56

17 ޖެނުއަރީ 2026، 01:56

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ބޮޑު މޮޅެއް ހޯދައި، މުބާރާތުގެ ތަށި އުފުލާލުމުގެ އުންމީދު އާކޮށްފިއެވެ. ތައިލެންޑުގެ ބެންކޮކްގައި ހުންނަ ހުއާ މާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މުބާރާތަކީ ލީގު އުސޫލުން ކުޅެ، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ މުބާރާތެކެވެ. މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި 6 ޕޮއިންޓާއެކު އޮތީ ރާއްޖެއެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ރާއްޖޭގެ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) ވަނީ ލަނޑެއް ޖަހައި ޓީމަށް ލީޑު ނަގައިދީފައެވެ. އޭގެފަހުން ނުވަވަނަ މިނެޓުގައި އިޝާން އިބްރާޙީމް (ސައްޓު) ދެވަނަ ލަނޑު ޖެހިއިރު، ޖެހިގެން އައި މިނެޓުގައި އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ 16 ވަނަ މިނެޓުގައި ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން އަލީ ޝިޔާޙް ވަނީ ހަތަރުވަނަ ލަނޑު ޖަހައިފައެވެ. މި ޕެނަލްޓީއަކީ ޝިޔާޙް ފޮނުވާލި ހަމަލާއެއް ގޯލަށް ވަނަނުދޭން ބަންގްލަދޭޝްގެ އިންތިޝާރު މުސްތަފާ ޗޯދުރީ އަތުން ބޯޅައިގައި ޖެއްސުމުން ލިބުނު ޕެނަލްޓީއެކެވެ. މި ކަމާ ގުޅިގެން އިންތިޝާރަށް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. ފުރަތަމަ ހާފު ނިމެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް ބަންގްލަދޭޝްގެ ޤާޒީ އިބްރާޙީމް އަޙްމަދު ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފައެވެ.

ދެވަނަ ހާފުގައި ވެސް ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކައި އިތުރު ދެ ލަނޑު ޖަހައިފައެވެ. އެގޮތުން 10 ވަނަ މިނެޓުގައި އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) ރާއްޖޭގެ ފަސްވަނަ ލަނޑު ޖެހިއިރު، މެޗުގެ ފަހު މިނެޓުގައި އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ހަވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މެޗު ކުޅުނު ހުއާ މާކް ސްޓޭޑިއަމަކީ 2022 ވަނަ އަހަރުގެ އެންއެސްޑީއެފް މުބާރާތުގައި ރާއްޖެއިން ބައިނަލްއަގްވާމީ ފުޓްސަލް މައިދާނުގައި ފުރަތަމަ މޮޅުވުން ހޯދި ތާރީޚީ ދަނޑެވެ.

މިހާރު އޮތް ގޮތުން ރާއްޖެ 6 ޕޮއިންޓާއެކު އެއްވަނައިގައި އޮތްއިރު، ނޭޕާލާއި ޕާކިސްތާނަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. އިންޑިއާ، ސްރީލަންކާ، ބޫޓާން އަދި ބަންގްލަދޭޝްއަށް ލިބިފައިވަނީ ކޮންމެ ޓީމަކަށް 1 ޕޮއިންޓެވެ. ތާވަލުގެ މި މަގާމުތައް ކަނޑައެޅިފައިވަނީ ގޯލުގެ ތަފާތުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450