Ads by Stelco

ޚަބަރު

ރަސްފަންނު މޫދުގައި ތޫނު އިތާތަކެއް: މޫދަށް އެރޭ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފި

ރަސްފަންނު މޫދުގައި ތޫނު އިތާތަކެއް: މޫދަށް އެރޭ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފި

ރަސްފަންނު މޫދުގައި ތޫނު އިތާތަކެއް ފޮޓޯ: މުސްތަފާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖެނުއަރީ 2026، 02:40

17 ޖެނުއަރީ 2026، 02:40

މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި، ކޮޅަށް ތޫނުކޮށް ހުރި އިތާތަކެއް ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން އެ ސަރަހައްދަށް މޫދަށް އެރޭ ފަރާތްތަކުން ސަމާލުވުމަށް އެދިއްޖެއެވެ.

މިކަން އާންމުންގެ ސަމާލުކަމަށް ގެންނަވާފައިވަނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސުކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާއެވެ. ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން މުސްތަފާ ވިދާޅުވީ، ރަސްފަންނުގައި ހުންނަ ރެސްޓޯރަންޓާ ދިމާލުން މޫދުގައި ގިނަ އަދަދަކަށް ތޫނު އިތާތައް އެބަހުރި ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، މި އިތާތައް ހުރީ މޫދުގެ ވެލިގަނޑުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައެވެ. އަދި އެއީ ކޮޅަށް ވަރަށް ތޫނުކޮށް ހުންނަ އިތާތަކެއް ކަމުން، ވެލިގަނޑު މަތީގައި ހިނގާއިރު ފައި ކެނޑުމުގެ ފުރުސަތު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ހިކި ދިޔައިގައި އެ ސަރަހައްދުގައި ހުސްފައިގައި އުޅޭއިރު ޚާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މުސްތަފާ ވަނީ އެ ސަރަހައްދުގައި ހުރި އިތާތައް ފެންނަ ފޮޓޯއެއް ވެސް އާންމުންނާ ހިއްސާކުރައްވާފައެވެ. އޭނާ އިތުރަށް ވިދާޅުވީ، މިއީ ކެއުމަށް ބޭނުންކުރާ ބާވަތުގެ އިތައެއް ކަމަށާއި، އޭގައި ކުޑަ މަސްކޮޅެއް އިން ނަމަވެސް ގިނަ ބަޔަކު އެ ސަރަހައްދަށް ގޮސް އެ އިތާތައް ނަގާނަމަ، އެތަނުން އިތާ މަދުކުރެވިދާނެ ކަމަށެވެ.

ރަސްފަންނަކީ މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން ހިތްއުފާކޮށްލުމަށާއި މޫދަށް އެރުމަށް ބޭނުންކުރާ މުހިންމު ސަރަހައްދެކެވެ. ޚާއްސަކޮށް ސްކޫލު ބަންދު ދުވަސްވަރު އެ ސަރަހައްދަށް މޫދަށް އެރޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. އެހެންކަމުން، ކުޑަކުދިން ގޮވައިގެން އެ ސަރަހައްދަށް މޫދަށް އެރޭ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ ރައްކާތެރިކަމުގެ ގޮތުން މުހިންމު ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450