ޚަބަރު
ކުޅުދުއްފުށީގެ ފެނުގެ ޚިދުމަތް މިއަހަރު މުޅިން އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރަނީ
ކުޅުދުއްފުށީ ސިޓީ ފޮޓޯ: އިންޓަނެޓް
ކުޅުދުއްފުށި ސިޓީގައި ދެމުންގެންދާ ފެނުގެ ޚިދުމަތް، ތެލަށް ބަރޯސާނުވެ މުޅިން އިޔާދަކުރަނިވި ހަކަތައިން ފޯރުކޮށްދިނުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމައި ޚިދުމަތް ދޭން ފަށާނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، ހަކަތައިގެ ނިޒާމު ޚަރަދުކުޑަކޮށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، ކުޅުދުއްފުށީގައި ޑީސަލް ބޭނުންނުކޮށް ފުލް ސޯލަރ ނިޒާމަކުން ފެން އުފެއްދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެމްޑީ ވިދާޅުވި ގޮތުގައި މި ނިޒާމުގެ މަސައްކަތްތައް ނިންމައި، މިއަހަރުގެ ފުރަތަމަ ކުއަޓަރގެ ތެރޭގައި އެ ސިޓީއަށް އިޔާދަކުރަނިވި ހަކަތައިން އުފައްދާ ފެން ފޯރުކޮށްދޭން ފެށޭނެއެވެ.
ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށްޓަކައި އެމްޑަބްލިއުއެސްސީ އާއި ޖަޕާނުގެ ކެނެޑޭވިއާ ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މިއީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ޚިދުމަތް ބަދަލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގައި ދުވާލަކު 500 ކިއުބިކް މީޓަރުގެ ފެން އުފެއްދޭނެ ޑީސެލިނޭޝަން ޕްލާންޓެއް ގާއިމްކުރެވޭނެއެވެ. މި ޕްލާންޓް ހިންގުމަށްޓަކައި 500 ކިލޯވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމަކާއި، ޚިދުމަތް މެދުނުކެނޑި ދެމެހެއްޓުމަށްޓަކައި 1450 ކިލޯވޮޓުގެ ބެޓަރި ސްޓޯރޭޖް ނިޒާމެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ނިޒާމުގެ ސަބަބުން ލިބޭނެ ފައިދާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، މީގެ ސަބަބުން ތެލަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވެ، ބޭރު ފައިސާ ނުވަތަ ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށެވެ. އަދި މިއީ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ކުޅުދުއްފުށީގެ މި ނަމޫނާއަށް ބަލައި، ކުރިއަށް އޮތް ތަނުގައި ރ. ދުވާފަރާއި ކ. މާފުށި ފަދަ ރަށްރަށުގެ ޚިދުމަތްތައްވެސް މިފަދަ ނިޒާމަކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މަތީން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ޖުމްލަ ޚަރަދުގެ 46 އިންސައްތަ ހަމަޖައްސަނީ އެމްޑަބްލިއުއެސްސީގެ އަމިއްލަ ފައިސާއާއި ބޭންކް އޮފް މޯލްޑިވްސްގެ ގްރީން ފައިނޭންސިންގ އެހީގައެވެ. މަޝްރޫޢުގެ ބާކީ ބައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖަޕާން ސަރުކާރާއި ކެނެޑޭވިއާ ކޯޕަރޭޝަނުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާ އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢަކީ، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެޅޭ ބޮޑު ފިޔަވަޅެކެވެ.