Ads by Stelco

ޚަބަރު

އެކްސަސައިޒް ދޯސްތީއަކީ ސަރަހައްދީ ސަލާމަތަށް މުހިންމު ހަރަކާތެއް: ޗީފް އޮފް ޑިފެންސް ފޯސް

އެކްސަސައިޒް ދޯސްތީއަކީ ސަރަހައްދީ ސަލާމަތަށް މުހިންމު ހަރަކާތެއް: ޗީފް އޮފް ޑިފެންސް ފޯސް

އެކްސަސައިޒް ދޯސްތީ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތު ފޮޓޯ: ޑިފެންސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖެނުއަރީ 2026، 05:24

17 ޖެނުއަރީ 2026، 05:24

 "އެކްސަސައިޒް ދޯސްތީ" އަކީ މި ސަރަހައްދުގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހިންގޭ ވަރަށް މުހިންމު ހަރަކާތެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ، ދިވެހިރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ކުރިއަށްގެންދާ "ދޯސްތީ 17" ތަމްރީނުތައް އިފްތިތާހުކުރުމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ތަމްރީނުތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ، 1991 ވަނަ އަހަރު ރާއްޖެއާއި އިންޑިއާގެ މެދުގައި ބައިލެޓަރަލް އެކްސަސައިޒެއްގެ ގޮތުގައި ފެށި މި ތަމްރީނަކީ، ކަނޑުމަތީގައި ދިމާވާ ގޮންޖެހުންތަކަށް އެކުގައި ކުރިމަތިލުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެންމެ ފުރަތަމަ ބޭއްވުނު ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވައި، އޭރު ވަސީލަތްތައް މަދުވި ނަމަވެސް، ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް ގުޅުން ވަރުގަދަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"2012 ވަނަ އަހަރު ސްރީލަންކާ މި ހަރަކާތުގައި ބައިވެރިވުމާއެކު، ދޯސްތީ ވަނީ ވަރަށް ބޮޑަށް ފުޅާވެފައިވާ ތްރައިލޭޓަރަލް އެކްސަސައިޒަކަށް ބަދަލުވެފައި. މިއީ އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަ ބަދަލުތަކާއި، ކޯސްޓްގާޑުތަކުގެ މެދުގައި އޮތް އިތުބާރާއި ފަންނީ އިހުތިރާމް ދޭހަކޮށްދޭ ކަމެއް،" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

މި ފަހަރުގެ ތަމްރީނުތަކުގައި ކަނޑުމަތީގައި މީހުން ސަލާމަތްކުރުމާއި، ކަނޑު ތަޣައްޔަރުވުން ހުއްޓުވުމާއި، ބޯޑިން އޮޕަރޭޝަންތައް ފަދަ މުހިންމު ދާއިރާތަކުން ފަރިތަކުރުންތައް ކުރިއަށްދާނެއެވެ. ޙިލްމީ އިތުރަށް ވިދާޅުވީ، މިއީ ހަމައެކަނި ތަމްރީނުތަކެއް ނޫން ކަމަށާއި، މިއީ ތިން ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުމާއި ރަހުމަތްތެރިކަން ރަމްޒުކޮށްދޭ ހަރަކާތެއް ކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާ އިރުޝާދާއި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސްގެ ލީޑަޝިޕްގެ ދަށުން ރާއްޖޭގެ ދިފާއީ ގާބިލްކަން އިތުރުވަމުންދާކަމާއި، މިފަދަ ތަމްރީނުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ދެއްވާ އެއްބާރުލުން ފާހަގަކުރެއްވިއެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި ތަމްރީނު ހަރަކާތުގެ ސަބަބުން ސަރަހައްދީ ސަލާމަތް ކަށަވަރުވެ، ރައްޔިތުންގެ ބާއްޖަވެރިކަމަށް މަގުފަހިވާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450