Ads by Stelco

ޚަބަރު

ސަރަޙައްދީ ކަނޑުގެ ސަލާމަތަށް ބާއްވާ "ދޯސްތީ" ތަމްރީނުތަކުގެ 17 ވަނަ އެޑިޝަން ރަސްމީކޮށް އިފްތިތާޙުކޮށްފި

ސަރަޙައްދީ ކަނޑުގެ ސަލާމަތަށް ބާއްވާ "ދޯސްތީ" ތަމްރީނުތަކުގެ 17 ވަނަ އެޑިޝަން ރަސްމީކޮށް އިފްތިތާޙުކޮށްފި

"ދޯސްތީ" ތަމްރީނުތަކުގެ 17 ވަނަ އެޑިޝަން ރަސްމީކޮށް އިފްތިތާޙުކުރުން ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖެނުއަރީ 2026، 06:00

17 ޖެނުއަރީ 2026، 06:00

ދިވެހިރާއްޖެ، އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓުގާޑު ގުޅިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ "ދޯސްތީ" ތަމްރީނުތަކުގެ 17 ވަނަ އެޑިޝަން ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ތަމްރީނުތައް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާ ކޯސްޓު ގާޑުގެ ޑިރެކްޓަރ ޖެނެރަލް އެޑްމިރަލް ރޯހަން ޖޯސެފް ވިދާޅުވީ، ދޯސްތީ ތަމްރީނަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބާއްވާ އެންމެ މުހިންމު އެއް ތަމްރީނު ކަމަށެވެ. އަދި މިފަދަ ބޮޑެތި ގޮންޖެހުންތަކާ އެއްވެސް ޤައުމަކަށް އެކަނި ކުރިމަތިނުލެވޭނެ ކަމަށާއި، މި ތަމްރީނުތަކުން ދައްކުވައިދެނީ ޤައުމުތަކުގެ މެދުގައި އޮންނަ އިތުބާރާއި އެއްބާރުލުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިންޑިއާ ކޯސްޓުގާޑުގެ ޑިރެކްޓަރ ޖެނެރަލް އެޑްމިރަލް ހަރްމޭޝް ޝްރްމާނީގެ ވާހަކަފުޅުގައި، ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި ސަރަޙައްދީ ޤައުމުތަކުގެ މެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އިންޑިއާ ކަނޑަކީ ދުނިޔޭގެ އިޤްތިސާދާއި ހަކަތައިގެ މުހިންމު ނާރެހެކެވެ. އަދި ކޯސްޓުގާޑުތަކަކީ ހަމައެކަނި ސަލާމަތްތެރިކަން ބަލަހައްޓާ ފަރާތްތަކެއް ނޫން ކަމަށާއި، އެއީ 'ބްލޫ ހިއުމަނިޒަމް' ނުވަތަ ކަނޑުގެ ދުޅަހެޔޮކަމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ކަމަށްވެސް ވިދާޅުވިއެވެ.

މިމަހުގެ 17 އިން 19 އަށް ކުރިއަށްދާ މި ތަމްރީނުތަކުގައި މިއަހަރުވެސް މުހިންމު ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި:

ކަނޑުމަތީގައި މީހުން ހޯދުމާއި ސަލާމަތްކުރުން (ސާރޗު އެންޑް ރެސްކިއު)
ކަނޑު ތަޣައްޔަރުވުމުން ރައްކާތެރިވުން (މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސް)
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން (މެރިޓައިމް ސެކިއުރިޓީ)


"އެކްސަސައިޒު ދޯސްތީ" އަކީ މީގެ 35 އަހަރު ކުރިން ރާއްޖެއާއި އިންޑިއާއާ ދެމެދު ފެށުނު ތަމްރީނެކެވެ. މި ހަރަކާތުގައި ސްރީލަންކާއިން ބައިވެރިވާން ފެށީ 2012 ވަނަ އަހަރުގައެވެ. މި ތަމްރީނުތައް ކުރިއަށްދާ ސަރަޙައްދުތަކުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450