Ads by Stelco

ޚަބަރު

މިސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލާން މާދަން ހުޅުވާލަނީ

މިސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލާން މާދަން ހުޅުވާލަނީ

ރަސްމާލެ ފޯޓޯ: އެމްއޭސީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖެނުއަރީ 2026، 09:24

17 ޖެނުއަރީ 2026، 09:24

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެކަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން  އިޢުލާނުކޮށްފިއެވެ.

މިނިސްޓްރީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި ގޯއްޗަށް އެދި މާދަމާއިން ފެށިގެން ހުށަހެޅޭނެ ކަމަށެވެ. މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލީ މަޢުލޫމާތުތައް މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އާއްމުކުރަމުން ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ހުޅުވާލުމަށް ނިންމާފައި އޮތީ މި މަހުގެ 15 ވާ ބުދަ ދުވަހުއެވެ. ނަމަވެސް، މި ތާރީޚު މާދަމާއަށް ފަސްކުރަން ޖެހުނު ސަބަބެއް ކަމަށް ހައުސިން މިނިސްޓްރީން ބުނީ، މި މަޝްރޫއަށް ވަރަށް ގިނަ ބަޔަކު ކުރިމަތިލާނެ ކަމަށް ލަފާކުރެވޭތީ އާއި، ހަފްތާ ބަންދާ ދިމާކޮށް ހުޅުވާލުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މަޢުލޫމާތު ދިނުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް ބެލެވޭތީއެވެ.

"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ގްރޭޓަ މާލެ ސަރަހައްދާއި އަލަށް ހިއްކާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.

ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު:

މާލޭގެ ރަށްވެހިންނަށް: 4,000 ފްލެޓް
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް: 1,500 ފްލެޓް
ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް: 2,400 ފްލެޓް


ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގޮތަކީ:

މާލޭގެ ރަށްވެހިންނަށް: 10,000 ގޯތި
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް: 3,000 ގޯތި
މައިމުޅަވެފައިވާ މީހުންނަށް: 500 ގޯތި
މާލޭގެ ހަނި ގޯޅިތަކުގައި ދިރިއުޅޭ ފަރާތްތަކަށް: 1,500 ގޯތި


މިއީ ރައީސް މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފަށާ އެންމެ ބޮޑު އެއް މަޝްރޫއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450