Ads by Stelco

ޚަބަރު

ބޭސްފަރުވާއަށް ދަތިވާ ފަރާތްތަކަށް އެހީވުމަށް ޑިސެމްބަރު މަހު އެންސްޕާއިން 54 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

ބޭސްފަރުވާއަށް ދަތިވާ ފަރާތްތަކަށް އެހީވުމަށް ޑިސެމްބަރު މަހު އެންސްޕާއިން 54 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

އައިޖީއއެމްއެްގައި ކުރެވުނު ކިޑްނީ ސްޓޯން ސަރޖަރީ އެއް ފޮޓޯ: އައިޖީއެމްއެޗް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖެނުއަރީ 2026، 10:10

18 ޖެނުއަރީ 2026، 10:10

ބޭސްފަރުވާގެ ޚަރަދުތައް ކުރުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން، ނިމިދިޔަ ޑިސެމްބަރު މަހު 54 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

މިދިޔަ މަހު ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކަށް ވަނީ މާލީ އެހީތެރިކަން ދީފައެވެ. އެގޮތުން ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށް 35 މިލިޔަން ރުފިޔާ އެންސްޕާއިން ހޭދަކޮށްފައިވާއިރު، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް 18.9 މިލިޔަން ރުފިޔާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޑިސެމްބަރު މަހު އެންމެ ގިނަ ބަޔަކު އެހީއަށް އެދިފައިވަނީ ކަށީގެ ބަލިތަކަށެވެ. އެގޮތުން އެކި ބަލިތަކަށް އެހީ ދެވުނު އަދަދުތަކަކީ:

  • ކަށީގެ ބަލިތައް: 146 މީހުން
  • ވިހެއުމާ ގުޅޭ: 145 މީހުން
  • މައިބަދަ އަދި ނަރުގެ ބަލިތައް: 137 މީހުން
  • ނޭވާލާ ނިޒާމުގެ ބަލިތައް: 123 މީހުން
  • ލޮލުގެ ބަލިތައް: 122 މީހުން
  • ކުޑަކަމުދާ ނިޒާމު އަދި ކިޑްނީގެ ބަލިތައް: 117 މީހުން
  • ކަރުންމަތީގެ ބަލިތައް: 113 މީހުން
  • ކެންސަރު ބަލި: 101 މީހުން
  • އަންހެނުންގެ ބަލިތައް: 90 މީހުން
  • ހިތުގެ ބަލިތައް: 85 މީހުން


މީގެ އިތުރުންވެސް އެހެނިހެން 12 ބާވަތެއްގެ ބަލިތަކަށް ފަރުވާ ހޯދުމަށް 420 މީހަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރާއްޖޭގެ އަމިއްލަ ބޮޑެތި ހޮސްޕިޓަލްތަކުގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދި 473 މީހުންނަށް ޖުމުލަ 6.4 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ޓްރީޓޮޕްއިން ފަރުވާ ހޯދި 302 މީހުންނަށް ކުރި 3.5 މިލިޔަން ރުފިޔާގެ ޚަރަދާއި، އޭޑީކޭއިން ފަރުވާ ހޯދި 171 މީހުންނަށް ކުރި 2.8 މިލިޔަން ރުފިޔާގެ ޚަރަދެވެ.

ބަލިމީހުން ބޭނުންކުރާ އެސިސްޓިވް ޑިވައިސް ނުވަތަ އެހީތެރިކަންދޭ އާލާތްތައް ހޯދުމަށްވެސް 3 މިލިޔަން ރުފިޔާގެ އެހީތެރިކަން ޑިސެމްބަރު މަހު ވަނީ ފޯރުކޮށްދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ބޭސްފަރުވާގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު އެހީތެރިކަން ލިބޭނެ މަގުތައް ފަހިކޮށްދެމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450