Ads by Stelco

ޚަބަރު

ބަންޑުން ޖަހާލި ބޯޓުން ގެއްލިގެން ހޯދަނީ ދިވެއްސަކާއި ބިދޭސީއެއް

ބަންޑުން ޖަހާލި ބޯޓުން ގެއްލިގެން ހޯދަނީ ދިވެއްސަކާއި ބިދޭސީއެއް

ބަންޑުން ޖަހާލި ބަލްމާ ބޯޓު ފޮޓޯ: އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖެނުއަރީ 2026، 10:24

18 ޖެނުއަރީ 2026، 10:24

ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިރިއަށް މިއަދު ހެނދުނު މުދާ އުފުލާ ބޯޓެއް ބަންޑުންޖަހާލައި، ގެއްލިގެން ހޯދަމުންދަނީ އޭގެއިން ދަތުރުކުރި ދިވެއްސަކާއި ބިދޭސީއަކު ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ "ބަލްމާ ހައެއް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ބަންޑުންޖަހާލައިގެންނެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 7:27 އެހާކަންހާއިރު ކަމަށް ސިފައިން ބުނެއެވެ.

މި ބޯޓުން ޖުމްލަ ހަތަރު މީހުން ދަތުރުކުރިއިރު، އޭގެ ތެރެއިން ދެ މީހަކު އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ވަނީ ނަގާފައެވެ. ނަމަވެސް، ބޯޓުގައި ދެން ތިބި ދިވެއްސަކާއި ބިދޭސީއަކު މިހާތަނަށް ފެނިފައެއް ނުވެއެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެ ސަރަހައްދުގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން ފުލުހުން ވެސް އަންނަނީ އެ މީހުން ހޯދުމުގެ މަސައްކަތުގައި ބައިވެރިވަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ގެއްލުނު މީހުންނާ ގުޅޭ އިތުރު ތަފުސީލުތައް ފުލުހުންނާއި ސިފައިން އަދި ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުތަކުގައި ކޮޅުވެއްޓިތަކާއި އުޅަނދުފަހަރު ބަންޑުންޖަހާލައިގެން މީހުން ގެއްލުމާއި، ފުރާނައަށް ނުރައްކާވާ ފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިރުޝާދު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450