ޚަބަރު
މާލޭގެ ފެން ރައްކާކުރާ މިންވަރު އިތުރުކުރުމަށް 13،000 ޓަނުގެ ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތް މިމަހު ފަށަނީ
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު
މާލޭގެ އާބާދީއަށް ބޭނުންވާ ފެން ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި 13،000 ޓަނުގެ ދެ ތާނގީ ބެހެއްޓުމުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، މާލޭގެ ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ބަހައްޓާ ދެ ތާނގީއާއެކު ޖުމްލަ 26،000 ޓަނުގެ ފެން ރައްކާކުރުމުގެ އިތުރު ގާބިލްކަން މާލެއަށް ލިބިގެންދާނެއެވެ.
މަތީން ވިދާޅުވި ގޮތުގައި މި މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ވަނީ ރާއްޖެއަށް ގެނެސްފައެވެ. އަދި މި މަހުގެ ތެރޭގައި ސައިޓުގައި އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ދިމާވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މަތީން ވިދާޅުވީ، އެންމެ ބޮޑު ދައްޗަކީ މާލޭގައި ބިމުގެ ތަދިކަން ހުރުން ކަމަށެވެ.
ތާނގި ޖެހުމަށް ލިބުނު ބިމަކީ ކުރީގެ ކުނިގޮނޑު ހުރި ސަރަހައްދު. މަސައްކަތްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި. ތިންވަނަ ފަހަރަށް މި ޑިޒައިން ބަދަލުކުރީ. މީގަ ސޭޕްޓީއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ، މަތީން
މި މަޝްރޫޢުގައި ބޭނުންކުރަނީ އެމެރިކާގައި އުފައްދާފައިވާ މަތީ ފެންވަރުގެ ސާމާނުކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ، މީގެ ސަބަބުން ޚިދުމަތަށް ބުރޫ އެރުމުގެ ފުރުސަތު ކުޑަވެ، ނިޒާމުގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ. މި ދެ ތާނގީ ބެހެއްޓުމުން މާލޭގައި މިހާރު ފެން ރައްކާކުރެވޭ މިންވަރު ދެގުނައަށް އިތުރުވެގެންދާނެއެވެ.
އެމްޑަބްލިއުއެސްސީން ވަނީ މިދިޔަ އަހަރު ހުޅުމާލޭގައި ވެސް 10،000 ޓަނުގެ ފެން ރައްކާކުރެވޭ، ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ފެން ތާނގީ ގާއިމުކޮށްފައެވެ. އެއާއެކު ހުޅުމާލޭގެ ފެން ރައްކާކުރުމުގެ ގާބިލްކަން ވަނީ 22،600 ޓަނަށް އިތުރުކުރެވިފައެވެ. މި މަޝްރޫޢު ނިމުމުން މާލޭ ސަރަހައްދުގެ ފެނުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.