ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރަޕީއަށް ޑިސެމްބަރު މަހު 7.6 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފި
ކުޑަކުދިންގެ ހަވީރެއް ފޮޓޯ: އިންޓަނެޓް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕީގެ ފަރުވާތަކަށް މިދިޔަ ޑިސެމްބަރު މަހު 7.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޖުމުލަ 231 މީހުންނަށް ތެރަޕީގެ އެކި ފަރުވާތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 159 ފިރިހެނުންނާއި 72 އަންހެނުންނެވެ.
ޑިސެންބަރު 2025 ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާ ހަމަޖައްސާ ދެވިފައިވާ ގޮތުގް ތަފްސީލް (އުމުރުފުރައިން)
— NSPA (@NSPAmaldives) January 18, 2026
ޑިސެންބަރު 2025 pic.twitter.com/TsPeD2b0Bf
މި ފަރުވާތައް އެންމެ ގިނައިން ހޯދާފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އެގޮތުން 18 އަހަރުން ދަށުގެ 221 ކުދިންނަށް އެކި ކަހަލަ ތެރަޕީތައް ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 156 ފިރިހެން ކުދިންނާއި 65 އަންހެން ކުދިންނެވެ. މީގެ އިތުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ 10 މީހަކަށް ތެރަޕީ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ވަކިވަކި ތެރަޕީތަކަށް ބަލާއިރު، އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އޮކިއުޕޭޝަނަލް ތެރަޕީއަށެވެ. ތެރަޕީގެ ފަރުވާތަކަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލަކީ:
- އޮކިއުޕޭޝަނަލް ތެރަޕީ: 143 ކުދިންނަށް - 2.2 މިލިއަން ރުފިޔާ
- ބިހޭވިއަރަލް ތެރަޕީ: 125 ކުދިންނަށް - 2.1 މިލިއަން ރުފިޔާ
- ސްޕީޗް ތެރަޕީ: 118 ކުދިންނަށް - 1.8 މިލިއަން ރުފިޔާ
- އެޑިއުކޭޝަނަލް ތެރަޕީ: 64 ކުދިންނަށް - 1.1 މިލިއަން ރުފިޔާ
- ސައިކޯ ތެރަޕީ: 21 ކުދިންނަށް - 244,650 ރުފިޔާ
- ފިޒިއޯތެރަޕީ: 8 ކުދިންނަށް - 79,210 ރުފިޔާ
- އަރލީ އިންޓަވެންޝަން: 9 ކުދިންނަށް - 76,700 ރުފިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ވަނީ ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ބޮޑު މަޝްރޫޢެއް ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން އޮކިއުޕޭޝަނަލް އަދި ސްޕީޗް ތެރަޕީގެ ޚިދުމަތް ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، މި ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި 250 ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.