ޚަބަރު
"ރަހަފަތް": އިސްރަށްވެހިންގެ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ދިވެހި ކެއިން ފޮޓޯ: ވިޒިޓް މޯލްޑިވްސް
އިސްރަށްވެހިންގެ މެދުގައި އޮތް ކާބޯތަކެތި ތައްޔާރުކުރުމުގެ މުއްސަނދި ސަގާފަތާއި، ދިވެހިވަންތަ އަޞްލު ރަހަތައް ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ ޚާއްޞަ މައުރަޒު "ރަހަފަތް" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި މައުރަޒަކީ އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގުޅިގެން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
"ރަހަފަތް" މައުރަޒުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ދިވެހި ސަގާފީ ކާބޯތަކެއްޗާއި ރަހަތައް އުފެދިގެން އައި ގޮތްތަކާއި، އެ ތަކެތި ތައްޔާރުކުރުމުގައި ހުންނަ ފަންނީ އުކުޅުތައް ޒުވާން ޖީލަށް ބުނެދީ، އެކަމަށް ޝައުޤުވެރިކަން އުފެއްދުމެވެ. މީގެ އިތުރުން، އިސްރަށްވެހިންނާއި ޒުވާނުންނާ ދެމެދު އޮންނަ އިޖުތިމާޢީ ގުޅުން ބަދަހިކޮށް، ދިވެހިންގެ އަމިއްލަވަންތަ ކެއިންބުއިމުގެ ތަރިކަ ރައްކާތެރިކުރުމަކީ ވެސް މި މައުރަޒުގެ މުހިންމު މަޤްޞަދެކެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ އިސްރަށްވެހިންނަށް ރަޖިސްޓްރީވުމުގެ ފުރުޞަތު 18 ޖެނުއަރީ 2026 އިން ފެށިގެން 21 ޖެނުއަރީ 2026 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ބައިވެރިވާން އެދޭ ފަރާތްތަކުން، އައިޑީކާޑު ހިއްޕަވައިގެން މާލެ ނުވަތަ ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީއަށް ޒިޔާރަތްކުރައްވައިގެން ނަންނޯޓު ކުރެއްވޭނެއެވެ. އަދި 3027586 ނުވަތަ 3027587 އަށް ގުޅުއްވައިގެން ވެސް ރަޖިސްޓްރީ ކުރެއްވުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އޮންލައިންކޮށް https://forms.office.com/r/McgWfUJ4sQ މެދުވެރިކޮށް ވެސް ރަޖިސްޓްރީ ކުރެވޭނެއެވެ.
ރަޖިސްޓްރީ ކުރައްވާއިރު، މައުރަޒަށް ތައްޔާރުކުރައްވާ ބާވަތްތަކުގެ ލިސްޓާއި އޭގެ އަދަދު ހިއްސާކުރައްވަން ޖެހޭނެ ކަމަށް ކަމާބެހޭ ވުޒާރާތަކުން މަޢުލޫމާތު ދެއެވެ.
ދެ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ، އިސްރަށްވެހިން މުޖުތަމަޢުގެ އެކި ކަންކަމުގައި ޝާމިލުވެ، ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރުކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފުރުޞަތެކެވެ. އަދި މިއީ ދިވެހިންގެ މުއްސަނދި ސަގާފަތާއި އާދަކާދަތަކަށް ޒުވާނުން އަހުލުވެރިކުރުވައި، ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.