Ads by Stelco

ޚަބަރު

10 އިންސައްތަ ކުރިއެރުމާއެކު 120،000 ފަތުރުވެރިން މިއަހަރުގެ މިހާތަނަށް އަތުވެއްޖެ

10 އިންސައްތަ ކުރިއެރުމާއެކު 120،000 ފަތުރުވެރިން މިއަހަރުގެ މިހާތަނަށް އަތުވެއްޖެ

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖެނުއަރީ 2026، 03:38

18 ޖެނުއަރީ 2026، 03:38

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 120،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 120،680 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 109,501 ފަތުރުވެރިން ކަމަށްވާއިރު، މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދަކީ 10.2 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 9,596 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 7,099 ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ވުޒާރާގެ ރިޕޯޓުން ދައްކައެވެ.

މާކެޓްތަކުގެ ތަރުތީބަށް އައި ބަދަލު
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން ކަމުގައިވީ ނަމަވެސް، މިއަހަރުގެ ފުރަތަމަ 17 ދުވަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.

 އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ތިން ޤައުމަކީ:

ރަޝިއާ: 19,171 ފަތުރުވެރިން
އިޓަލީވިލާތް: 13,601 ފަތުރުވެރިން
އިނގިރޭސިވިލާތް: 10,365 ފަތުރުވެރިން

ފަތުރުވެރިން ރާއްޖެއަށް އެތެރެވާ ދޮރާށިތަކަށް ބަލާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ފިޔަވައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓާއި ގަން އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބެމުންދާއިރު، މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ޖުމްލަ 2.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450