Ads by Stelco

ޚަބަރު

ކައުންސިލް އިންތިޚާބު އޮބްޒާވް ކުރުމަށް ބޭރުގެ އޮބްޒާވަރުންނަށް ފުރުޞަތު ހުޅުވާލައިފި

ކައުންސިލް އިންތިޚާބު އޮބްޒާވް ކުރުމަށް ބޭރުގެ އޮބްޒާވަރުންނަށް ފުރުޞަތު ހުޅުވާލައިފި

2023 ގެ ރިޔާސީ އިންތިޚާބުގައި ހަރަކާތްތެރިވި ބައެއް ބޭރުގެ އޮބްޒާވަރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖެނުއަރީ 2026، 03:39

18 ޖެނުއަރީ 2026، 03:39

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޮބްޒާވުކޮށް މޮނިޓަރ ކުރުމުގެ ފުރުޞަތު ބޭރުގެ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލާފައިވަނީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ބޭރުގެ އެކި ފަރާތްތަކުގެ އިތުރުން ވަކިވަކި ފަރުދުންނަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، އިންތިޚާބު ކަވަރ ކުރުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ރާއްޖޭގައި ބާއްވާ ބޮޑެތި އިންތިޚާބުތައް އޮބްޒާވް ކުރުމުގެ ފުރުޞަތަކީ ކޮންމެ ފަހަރަކުވެސް ބޭރުގެ ފަރާތްތަކަށް އެ ކޮމިޝަނުން ދެއްވަމުން އަންނަ ފުރުޞަތެކެވެ.

އިންތިޚާބު އޮބްޒާވް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. މީގެ އިތުރުން، އޮބްޒާވަރުންނާއި މޮނިޓަރުންނަކީ އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކޮށްދޭ ބަޔަކަށް ވެގެން ނުވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަޔާންކޮށްފައެވެ.

ޑިޖިޓަލް އިންތިޒާމުތަކާއެކު ބާއްވާ އިންތިޚާބެއް
އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ މި އިންތިޚާބަކީ، ކުރީގެ އިންތިޚާބުތަކާ ޚިލާފަށް އިދާރީ ގިނަ ކަންތައްތަކެއް ޑިޖިޓަލައިޒް ކުރެވިގެން ކުރިއަށްދާ އިންތިޚާބެކެވެ. ވޯޓާސް ލިސްޓުގެ ކަންކަމާއި، ކެންޑިޑޭޓުންގެ ފޯމު ބަލައިގަތުން ފަދަ އިންތިޒާމުތައް ހަމަޖައްސާފައިވަނީ އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދާއިމީ ރިޕޯޓުގައިވާ ގޮތުން، މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. މީގެ ތެރޭގައި 133 ރަށަކަށް ކައުންސިލް ރައީސާއެކު 3 ކައުންސިލަރުން އަދި 46 ރަށަކަށް 5 ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެއެވެ.

މި އިންތިޚާބުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރާނީ، އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލަށް އިންތިޚާބު ކުރާ މެންބަރުންގެ އަދަދާ އެއްވަރަށެވެ. މިއީ ލޯކަލް ކައުންސިލް އިންތިޚާބުގެ ތާރީޚުގައިވެސް މުހިންމު ބަދަލުތަކެއް ފެނިގެންދާނެ އިންތިޚާބެއްގެ ގޮތުގައި ބެލެވެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450