Ads by Stelco

ޚަބަރު

އެކްސަސައިޒް ދޯސްތީގެ ދަށުން ކަނޑުމަތީގައި ޢަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

އެކްސަސައިޒް ދޯސްތީގެ ދަށުން ކަނޑުމަތީގައި ޢަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

އެކްސަސައިޒް ދޯސްތީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖެނުއަރީ 2026، 06:07

18 ޖެނުއަރީ 2026، 06:07

އިންޑިއާ، ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ކޯސްޓުގާޑު ގުޅިގެން ހިންގާ "އެކްސަސައިޒް ދޯސްތީ" ގެ ދަށުން ކަނޑުމަތީގެ ޚާއްޞަ ޢަސްކަރީ ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

 މި މަހުގެ 17 އިން 19 އަށް ކުރިއަށްދާ މި ތަމްރީނުތަކަކީ ތިން ޤައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމަށާއި ކަނޑުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ބާއްވާ ހަރަކާތެކެވެ.

މި ތަމްރީނުތަކާ ގުޅޭގޮތުން ކޯސްޓްގާޑް ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، މި ހަރަކާތްތަކުގެ ތެރެއިން ކޯސްޓްގާޑުގެ ފަރިތަކުރުންތަކާ ގުޅޭ ގިނަ ކަންތައްތަކެއް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ކަނޑުމަތީގެ ސާޗް އެންޑް ރެސްކިއު ޑްރިލްތަކާއި، ކަނޑަށް ތެލާއި ކެމިކަލް އެޅުމުން އަމަލުކުރާނެ ގޮތްތަކުގެ އިތުރުން މެރިޓައިމް ސެކިއުރިޓީއާ ގުޅުންހުރި މުހިންމު ތަމްރީނުތައް ހިމެނެއެވެ.

ބްރިގޭޑިއަރ ޖެނެރަލް ސަލީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ދިގު މުއްދަތުގެ ތަމްރީނުތަކެއް ބޭއްވުމަކީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކާރިސާގެ ވަގުތުތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް ލިބޭ ބޮޑު ފުރުޞަތެކެވެ. "އެއްބަޔަކު އަނެއްބަޔަކު އެއްވެސް ދަތިކަމެއް ނެތި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ދުނިޔޭގެ އެހެން ފަރާތްތަކަށްވެސް އަޅުގަނޑުމެންނަކީ ގުޅިގެން މަސައްކަތްކުރާ ކަނޑުގެ ސަރަހައްދުގެ ހިމާޔަތަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ފެނިގެން ދިޔުމަކީ މިކަމުގެ އެންމެ ބޮޑު ބޭނުން،" ސަލީމް ވިދާޅުވިއެވެ.

ކަނޑުމަތީގައި ކުރިއަށްދިޔަ މި ހަރަކާތްތަކުގައި އިންޑިއާ ކޯސްޓުގާޑުގެ އައިސީޖީ ޑޯނިއާ، އައިސީޖީއެސް އަތުލްޔާ އަދި އައިސީޖީއެސް ވަޖްރާ ބައިވެރިވިއެވެ. މީގެ އިތުރުން ސްރީލަންކާ ކޯސްޓުގާޑުގެ މަނަވަރު އެސްއެލްއެންއެސް ސުރަނިމިލާ އާއި ދިވެހިރާއްޖޭގެ ކޯސްޓުގާޑުގެ އުޅަނދުތަކާއި ހެލިކޮޕްޓަރުތައް ވަނީ ބޭނުންކޮށްފައެވެ. މި ތަމްރީނުތަކުގައި ކަނޑުމަތީގެ އެކި ކާރިސާތަކާ ކުރިމަތިލާނެ ގޮތްތައް އަމަލީ ގޮތުން ދައްކާލާފައިވެއެވެ.

މި ހަރަކާތްތައް ބަލާލުމަށް ދިވެހި އަސްކަރިއްޔާގެ އިސްވެރިންނާއި، ދިފާއި ވުޒާރާގެ އިސް ބޭފުޅުންގެ އިތުރުން، ސްްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި މޯލްޑިވްސް ކެޑޭޓް ކޯގެ ދަރިވަރުން ބައިވެރިވިއެވެ. އެކްސަސައިޒް ދޯސްތީއަކީ މީގެ 35 އަހަރު ކުރިން އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެށުނު ހަރަކާތެކެވެ. 2012 ވަނަ އަހަރުން ފެށިގެން މި އެކްސަސައިޒުގައި ސްރީލަންކާއިން ވެސް ދަނީ ބައިވެރިވަމުންނެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450