ޚަބަރު
ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ތަމްރީން ހޯދުމަށް 15 ދިވެއްސަކު އޮސްޓްރޭލިއާއަށް ފުރައިފި
ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ތަމްރީން ހޯދުމަށް 15 ދިވެއްސަކު އޮސްޓްރޭލިއާއަށް ފުރުން
ސައިބަރ ސެކިއުރިޓީ އެންޑް ރެޒިލިއެންސްގެ ދާއިރާއިން މަތީ ފަންތީގެ ތަމްރީންތަކެއް ހޯދުމަށް ރާއްޖޭގެ 15 ބައިވެރިން ހިމެނޭ ވަފުދެއް އޮސްޓްރޭލިއާއަށް ފުރައިފިއެވެ. މި މަހުގެ 19 އިން ފެށިގެން ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމަކީ ރާއްޖޭގެ ސައިބަރ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސައިބަރ ސެކިއުރިޓީ އެޑިޔުކޭޝަން އެންޑް ރިސާޗްގެ ދާއިރާއިން ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ އޮސްޓްރޭލިއާގެ އެޑިތު ކޯވަން ޔުނިވަސިޓީ (އީ.ސީ.ޔޫ) ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް (ޑީ.އެފް.އޭ.ޓީ) ގެ އޮސްޓްރޭލިއާ އެވޯޑްސް 2026 ގެ މާލީ އެހީތެރިކަމުގެ ދަށުންނެވެ.
ތަމްރީނު ކުރިއަށްދާނެ ދާއިރާތައް
މި ތަމްރީނުތައް ކުރިއަށްދާނީ އީ.ސީ.ޔޫގެ އިތުރުން ވެސްޓާން އޮސްޓްރޭލިއާގެ ކަމާބެހޭ ސައިބަރ ސެކިއުރިޓީ މުއައްސަސާތަކުގައެވެ. މި ޕްރޮގްރާމްގެ ތެރެއިން އެޑްވާންސް ސައިބަރ ގަވަރނަންސް، ޑިޖިޓަލް ރިސްކް މެނޭޖްމަންޓް، އިންސިޑެންޓް ރެސްޕޮންސް ކޯޑިނޭޝަން އަދި ރެސިލިއަންސް ޕްލޭނިންގ ފަދަ މުހިންމު ދާއިރާތަކުން ބައިވެރިންނަށް އަމަލީ ތަޖުރިބާއާއި ތަމްރީން ލިބިގެންދާނެއެވެ.
މި ޕްރޮގްރާމަށް ފުރުމުގެ ކުރިން، މިމަހުގެ 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިބްރާހީމް ލަޠީފްގެ އިތުރުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އީ.ސީ.ޔޫގެ މަންދޫބުން ވަނީ އޮންލައިންކޮށް މި ބައްދަލުވުމުގައި ބައިވެރިވެ، ޕްރޮގްރާމްގެ އެކަޑެމިކް މޮޑިއުލްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައެވެ.
ސަރުކާރުން ހާމަކުރައްވާ ގޮތުގައި، މި ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން، ރާއްޖޭގެ ޑިޖިޓަލައިޒޭޝަން އެޖެންޑާ ކުރިއެރުވުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ތަމްރީނުގެ ސަބަބުން ރާއްޖޭގެ ސައިބަރ ސަލާމަތީ ނިޒާމު އިތުރަށް ހަރުދަނާވެ، މި ދާއިރާއިން ދިވެހި ފަންނީ މީހުން ބިނާވެގެންދާނެއެވެ.