ޚަބަރު
ބަލްމާ 6 ބަންޑުން ޖަހާލައި ނިޔާވީ ތަޖުރިބާކާރު ކެޕްޓަނެއް
ބ. ހިތާދޫ، މުނިޔާ، އަލީ ހުސައިން
މާލެ އަތޮޅު ތާޖު އެގްޒޯޓިކާ ރިސޯޓު ކައިރިއަށް މިއަދު ހެނދުނު "ބަލްމާ-6" ނަމަކަށް ކިޔާ ސަޕްލައި ބޯޓެއް ބަންޑުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ތަޖުރިބާކާރު ކެޕްޓަނެއް ކަމަށްވާ ބ. ހިތާދޫ، މުނިޔާ، އަލީ ހުސައިން (60އ) އެވެ.
މި ހާދިސާ ހިނގިއިރު އެ ބޯޓުގައި ޖުމްލަ ހަތަރު މީހުން ތިއްބެވެ. އޭގެ ތެރެއިން ދެ މީހަކު އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކުން ސަލާމަތްކޮށްފައިވާއިރު، ގެއްލުނު ދެ މީހުންގެ ތެރެއިން އަލީ ހުސައިންގެ ހަށިގަނޑު ފެނިފައިވަނީ ތާޖު އެގްޒޯޓިކާ ރިސޯޓު ކައިރިންނެވެ. މި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
އަލީ ހުސައިނަކީ އޭނާގެ އުމުރުގެ ބޮޑުބައި ކަނޑުމަތީގައި ހޭދަކޮށްފައިވާ މީހެކެވެ. އޭނާ ދަންނަ މީހުން ބުނާ ގޮތުގައި އޭނާއަކީ މަސްވެރި އުޅަނދުފަހަރާއި ސަޕްލައި ދޯނިތަކުގެ ކެޕްޓަންކަން ކުރި ވަރަށް ތަޖުރިބާކާރު މީހެކެވެ. އަދި ބަންޑުން ޖަހާލި ބޯޓުގައި ވެސް އޭނާ މަސައްކަތް ކުރާތާ ވަރަށް ގިނަ އަހަރުތަކެއް ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވިދާޅުވީ އަލީ ހުސައިނަކީ އެންމެންނާ ވެސް ގުޅޭ، ހިތްހެޔޮ މީހެއް ކަމަށެވެ. "އުމުރުގެ ބޮޑުބައި ހޭދަކުރީ ކަނޑުމަތީގައި. މަހަށްދާ ދޯނިތަކުގެ ކެޕްޓަންކަން ކުރިން ކޮށް އުޅުނު. ދެން ސަޕްލައި ދޯނިތަކުގެ ކެޕްޓަންކަން ކުރި. އެ ބަންޑުން ޖަހާލި ދޯނި ދުއްވާތާ ވެސް ވަރަށް ގިނަ އަހަރު ވެފައިވާ ކަމަށް މައުލޫމާތު ލިބެނީ،" ކައުންސިލް ރައީސް ވިދާޅުވިއެވެ.
އަލީ ހުސައިން ނިޔާވިއިރު އޭނާގެ އާއިލާ ދިރިއުޅެމުން ދިޔައީ މާލޭގައެވެ. އޭނާގެ ކަށުނަމާދު މިރޭގެ އިޝާ ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައި ވަނީ ބާއްވާފައެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަންޑުން ޖަހާލި ބޯޓު އޮތީ ފަރުމަތީގައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ރަސްމީ އިދާރާތަކުން އަދި ހާމަކޮށްފައި ނުވާއިރު، ބޯޓު ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.