ޚަބަރު
މޭޔަރުކަމަށް ވާދަކުރައްވަނީ ރައީސް މުޢިއްޒު ދެއްކެވި ނަމޫނާގައި ހިފަހައްޓަވައިގެން: މޫސާ އަލީ ޖަލީލް
ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޖަލީލް ވާހަކަފުޅު ދައްކަވަނީ
މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަން ނިކުމެވަޑައިގަންނަވަނީ، މީގެ ކުރިން އެ މަގާމުގައި ހުންނަވައިގެން މާލޭ ސިޓީއަށް ހިދުމަތްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި މިސާލަކީ ނަމޫނާއެއްކަމަށް ބައްލަވައިގެންކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ ފަރާތުން އެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓު މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ.
ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، 2011 ވަނަ އަހަރު މާލެ ހިންގުމުގެ ނިޒާމު ބަދަލުވި ފަހުން ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު މާލޭ ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތްތަކެއް ނުލިބޭ ކަމަށެވެ. ނަމަވެސް، 2022 ވަނަ އަހަރު ރައީސް ޑރ. މުޢިއްޒު މޭޔަރުކަމާ ހަވާލުވެވަޑައިގަތުމާއެކު އެކަން ބަދަލުކުރެއްވި ކަމަށް ޖަލީލު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ މޭޔަރުކަމުގެ ދައުރަށް ތައުރީފުކުރައްވަމުން ޖަލީލު ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޭޔަރުކަމުގައި ހުންނެވި ދެ އަހަރާއި ފަސް މަހާއި ދުވަސްކޮޅެއްގެ ތެރޭގައި މާލޭ ސިޓީގެ މުނިސިޕަލް ހިދުމަތުގެ ރަންޒަމާނެއް އައިސްގެންދިޔަ،" ކަމަށެވެ. ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރައްވައި، ހާލު ބައްލަވައި، މާލޭގެ ގިނަ މައްސަލަތަކެއް ހައްލުކޮށްދެއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖަލީލު އިތުރަށް ވިދާޅުވީ އޭނާގެ މާޒީއަކީ ގައުމުގެ މަޖުދާއި ކަރާތަމަށްޓަކައި ހިދުމަތްކުރުމުގެ މާޒީއެއް ކަމަށެވެ. އެގޮތުން ސިފައިންގެ ހިދުމަތުގެ އެންމެ ދަށުން ފެށިގެން ގައުމީ ދިފާއީ ބާރުގެ އެންމެ މަތީ މަގާމާ ހަމައަށް ވަޑައިގެންނެވުނުކަމަށާއި، ދިފާއީ ވަޒީރުކަންވެސް ކުރެއްވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިހުރިހާ މަގާމެއްވެސް އަދާކުރެއްވީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މާލޭ ސިޓީ މޭޔަރުކަމަށްވެސް ނުކުމެވަޑައިގަތީ އެގޮތުގައި މާލޭ ސިޓީގެ ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގެ އަޒުމުގައި ކަމަށެވެ.
ސިޔާސީ ވިސްނުމަށް ނުވަތަަ ގިންތިއާއި ފަންތިއަށް ބެއްލެވުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަަމަކަމާއެކު ހިދުމަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އޭނާ ވިދާޅުވީ، މާލޭ ރައްޔިތުންނަށް އޯގާތެރިކަމާއެކު ހިދުމަތްކޮށްދެއްވައި މާލޭ ސިޓީއަކީ ދިރިއުޅެން ފަސޭހަ، ފަހި، އަދި ސާފު ތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާ ކަމަށެވެ.
"މާލޭ ސިޓީގެ މޭޔަރަކަށް އިންތިހާބުވުމުގެ ދަތުރު އަޅުގަނޑު މިފަށަނީ މި ސިޓީގެ ރައްޔިތުން އެންމެ ލޯބިވާ އިހުތިރާމުން ބަލައިގަތް ހީވާގި މޭޔަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފިޔަވަޅުފުޅު މަތީ އެމަނިކުފާނު ހިންގެވި މަގު އިހުތިޔާރުކޮށްގެން،" ޖަލީލު ވިދާޅުވިއެވެ.