Ads by Stelco

ޚަބަރު

ޖަލީލް ވާނީ އެއްވެސް ރައްޔިތަކު ތަފާތުނުކުރާ ސަރުކާރަށް އެއްބާރުލުން ދެއްވާނެ ބޭފުޅަކަށް: ފަލާޙް

ޖަލީލް ވާނީ އެއްވެސް ރައްޔިތަކު ތަފާތުނުކުރާ ސަރުކާރަށް އެއްބާރުލުން ދެއްވާނެ ބޭފުޅަކަށް: ފަލާޙް

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖެނުއަރީ 2026، 11:59

19 ޖެނުއަރީ 2026، 11:59

މާލެ ސިޓީގެ މޭޔަރަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލަކީ ސަރުކާރަށް އެއްބާރުލުން ދީ، މާލޭގެ އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެ ފަދަ ބޭފުޅެއް ކަމަށް އިންތިހާބުގެ ކެމްޕޭން މެނޭޖަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަން އެމްޑީޕީން ދެ ފަހަރެއްގެ މަތިން ކުރިއިރު، މާލޭގެ ރައްޔިތުންނަށް އެދެވޭ ނަތީޖާއެއް ދެއްކިފައި ނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުން ފޫހިވެ، 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމަށް ހޮއްވަވައިދެއްވީ ބޮޑު އަޣުލަބިއްޔަތަކުން ކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަލާހް ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒު މޭޔަރުކަމުގައި ހުންނަވައިގެން މާލެއަށް ގެނެސްދެއްވި ތަފާތު ބަދަލުތަކުގެ ނަތީޖާއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ރައްޔިތުން ދެއްވި ބޮޑު ތާއިދެވެ. "މޫސާ އަލީ ޖަލީލަކީ ރާއްޖެ ދެކެމުންދާ އުފާވެރި މިނިވަންކަން ގެނެސްދީ، ގައުމު ސަލާމަތްކޮށްދިން ބަތަލުންގެ ތެރޭގައި ގުނާލެވޭ އެއް ބޭފުޅެއް،" ފަލާހް ވިދާޅުވިއެވެ. އަދި ޖަލީލަކީ އެއްވެސް ކޫރުމެއް އެޅުވުމެއް ނެތް ފަދަ ސާފު ޝަހުސިއްޔަތެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

މާލޭގެ މޭޔަރު ކަމަށް ޕީއެންސީން ނުކުންނަނީ ރައީސް ޑރ. މުއިއްޒު މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ބޭފުޅަކާއެކު ކަމަށް ފަލާހް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖަލީލަކީ އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެ، އިހުލާސްތެރި އަދި އަމާނާތްތެރި ބޭފުޅެއް ކަމަށެވެ.

"މޫސާ އަލީ ޖަލީލަކީ ވަރަށް ހިންގުންތެރި، ވަރަށް ވިސްނުންތެރި، ވަރަށް ކުޅަދާނެ ބޭފުޅެއް،" ފަލާހް ވިދާޅުވިއެވެ. މީގެ އިތުރުން ޖަލީލަކީ ޒުވާން އުމުރުން ފެށިގެން ދައުލަތުގެ މަތީ މަގާމުތައް ފުރުއްވައި، ރައްޔިތުން ގަބޫލުކުރާ ފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވެސް ފަލާހް ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450