ޚަބަރު
ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަޖެއްސުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށާއި، މިވަގުތަށް އެއްވެސް ދަތިކަމެއް ނެތް: ވަޒީރު ޝަފީޢު
ވަޒީރު އިސްމާއިލް ޝަފީޢު
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުންދާއިރު، ސްކޫލްތަކަށް މުދައްރިސުން ހަމަޖެއްސުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަހުގެ 27 ވަނަ ދުވަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާއިރު، ތަޢުލީމީ ވުޒާރާއިން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މީގެ ތެރޭގައި ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ފޮނުވުމާއި، އިމާރާތްތަކުގެ މަރާމާތުގެ މަސައްކަތްތަކުގެ އިތުރުން، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނާއި ޕްރިންސިޕަލުން ހަމަކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ މީޑީއާއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގައި 2000 އަށްވުރެ ގިނަ ބިދޭސީ ޓީޗަރުން މަސައްކަތް ކުރާއިރު، ކޮންމެ އަހަރަކުވެސް 100 އާއި 150 އާ ދެމެދުގެ އަދަދަކަށް ޓީޗަރުން ވަޒީފާއިން ވަކިވުމުގެ މޫވްމަންޓެއް އުޅޭ ކަމަށެވެ. މީގެ އިތުރުން ދަރިވަރުންގެ އަދަދު އިތުރުވުމާ ގުޅިގެންވެސް އައު ޓީޗަރުން ބޭނުންވާ ކަމަށާއި، ނަމަވެސް މިހާރު އެ އަދަދުތަކަށް ބޭނުންވާ ޓީޗަރުން ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުއްލި ޙާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "150 އެއްހާ ޓީޗަރުންގެ މޫވްމަންޓެއް އުޅޭނެ ކޮންމެ އަހަރަކުވެސް. އެއަށް ވިސްނާފައި އަހަރަކު 400 އެއްހާ ޓީޗަރުން ސްޓޭންޑްބައިގައި ތިބޭނެ. އާދަޔާ ޚިލާފަށް މޫވްމަންޓެއް އަޔަސް، ގިނަވެގެން 5 ދުވަހުގެ ތެރޭގައި ޓީޗަރެއް ގެނެވޭނެ. ސްކޫލަށް ނިކުންނަން އޮންނަ ދުވަހު ޓީޗަރު ރިސައިން ކޮށްފިނަމަވެސް، ލަސްވެގެން 5 ދުވަސްތެރޭ ޓީޗަރެއް ލިބޭވަރަށް ކަންކަން ވާނީ ހަމަޖައްސާފައި." ކަމަށެވެ.
މުދައްރިސުންގެ އިތުރުން، ޕްރިންސިޕަލުން ނެތް ސްކޫލްތަކަށް ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. ރާއްޖޭގެ ސްކޫލްތަކުގައި މިހާރުވެސް 11,000 އަށްވުރެ ގިނަ މުދައްރިސުން އަންނަނީ ޚިދުމަތް ކުރަމުންނެވެ.
ސަރުކާރުން އަންނަނީ މުދައްރިސުންގެ ފެންވަރު މަތިކުރުމަށާއި، ދިވެހި މުދައްރިސުން މަދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މުދައްރިސުން ތަމްރީންކުރުމުގެ ޤައުމީ ޕްރޮގްރާމެއްވެސް ހިންގަމުންނެވެ. ވަޒީރު ޔަޤީންކަން ދެއްވި ގޮތުގައި، ދިރާސީ އައު އަހަރު ފެށޭއިރު ސްކޫލްތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހަމަޖެއްސުމުގައި އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވާނެއެވެ.